ޚަބަރު

ޗެސް އޮލިމްޕިއާޑުގައި ވާދަކުރުމަށް ޤައުމީ ޓީމު އުޒްބެކިސްތާނަށް


  • ޤައުމީ ރާޒުވާ ޓީމްގެ ދިހަ ކުޅުންތެރިން މުބާރާތުގައި ޤައުމު ތަމްސީލުކުރާނެ

  • މުބާރާތަށް ދިޔައީ ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިން

  • ޗެސް އޮލިމްޕިއާޑު ފަށާނީ މިމަހުގެ 15 ގައި

ރާޒުވާގެ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ ޗެސް އޮލިމްޕިއާޑްގައި ވާދަކުރުމަށް ޤައުމީ ރާޒުވާ ޓީމު އުޒްބެކިސްތާނަށް ފުރައިފިއެވެ.

46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް މިއަހަރު ކުރިއަށްދާނީ އުޒްބެކިސްތާނުގެ ސަމަރކަންޑުގައެވެ. މިމަހުގެ 15 އިން 28 އަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން ވާދަކުރާނެއެވެ. ފަސް އަންހެން އަދި ފަސް ފިރިހެން އެތުލީޓުން ހިމެނޭ މި ސްކޮޑުން ޖާގަ ހޯދާފައިވާ ކުޅުންތެރިންނަކީ މިވަގުތު ޤައުމީ ރޭންކިންގެ އެންމެ އުހުގައި ތިބި ކުޅުންތެރިންނެވެ.

އެއީ މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، ޢަބްދުއްރަހްމާން ޢަލީ، މުހައްމަދު ރާކިން ފަޔާޒް، އަހްމަދު އަބޫބަކުރު، ނިހާޔާ އަހްމަދު، އީނާ ޢަބްދުﷲ ހަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދް، ޢާއިޝަތު އަލްޔާ މުހައްމަދު ޝަރީފްގެ އިތުރުން ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފެވެ.

ޗެސް އޮލިމްޕިއާޑްގައި ވާދަކުރުމަށް ޤައުމީ ޓީމު ތައްޔާރުވެފައިވަނީ ކްރޮއޭޝިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

އުޒްބެކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި މުބާރާތުގެ ކުޅުން އޮންނައިރު، މިމުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 1800އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ.