ބައިލެޓެރަލް އެހީގެ ގޮތުގައި ރާއްޖެއަށް ލިބޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމަށް ކުރެވެމުންދާ މަޝްވަރާތަކުގެ ދަށުން މި އަހަރުގެ ތެރޭގައި ދުއިސައްތަ އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.
މިއީ ސްރީލަންކާ، އިންޑިއާ، އަދި މެލޭޝިޔާގެ ޔުނިވަރސިޓީއަކުން ލިބިފައިވާ ފުރުޞަތުތަކެއް ކަމަށް އެޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ. މީގެ ތެރޭގައި ޓިއުޝަން ފީ ހިލޭ ފުލް ސްކޮލަރޝިޕްތަކާއި ޕާޝަލް ސްކޮލަރޝިޕްތަކުގެ ގޮތުގައި ހިމެނޭ ފަންސާސް އިންސައްތަ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް ފުރުޞަތުތައް ހިމެނެއެވެ. ބައިލެޓެރަލް އެހީގެ ދަށުން ރާއްޖެއަށް ލިބޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މިހާރުވެސް ގިނަ ފުރުޞަތުތަކެއް ލިބެމުންދާއިރު، އިތުރު ފުރުޞަތުތައް ހޯއްދެވުމަށް އެކި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގެ ދަށުން އިތުރު ފުރުޞަތުތަކެއް ލިބިފައިވާކަމަށް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.
މިއަހަރު އަލަށް ލިބުނު 215 މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕްގެ ގޮތުގައި ހިމެނޭ 17 ސްކޮލަރޝިޕް ފުރުޞަތާއި، ޕާޝަލް ސްކޮލަރޝިޕްގެ ގޮތުގައި ލިބިފައިވާ 198 ފުރުޞަތެވެ. މީގެ ތެރެއިން ސްރީލަންކާގެ ހޮރައިޒަން ކެމްޕަސް އިން 6 ފުލް ސްކޮލަރޝިޕް އަދި 18 ޕާޝަލް ސްކޮލަރޝިޕްގެ ފުރުޞަތު ދީފައިވާއިރު، ލަންކާގެ އެޑިޔު ލިންކް އިންޓަރނޭޝަނަލް ކެމްޕަސް އިން 1 ފުލް ސްކޮލަރޝިޕް އަދި 10 ޕާޝަލް ސްކޮލަރޝިޕް ހިމެނެއެވެ. އަދި އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީ އިން 5 ސްކޮލަރޝިޕް އަދި 25 ޕާޝަލް ސްކޮލަރޝިޕް އާއި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އިން 5 ފުލް ސްކޮލަރޝިޕް އަދި 145 ޕާޝަލް ސްކޮލަރޝިޕްގެ ފުރުޞަތު ހިމެނެއެވެ.
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ މީގެތެރެއިން ބައެއް ސްކޮލަރޝިޕް ފުރުޞަތުތަކަށް އިޢުލާނު ކުރެވި ބައެއް ދަރިވަރުން މިހާރުވެސް ތަޢުލީމް ހާޞިލް ކުރަމުން ދާކަމަށެވެ. އަދި އަންނަ އަހަރުގައި ކިޔެވުން ފެށުމަށް މީގެ އިތުރު ފުރުޞަތުތަކެއް އިޢުލާނު ކުރައްވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ބައިލެޓެރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް ކުރިމަތިލާ ދަރިވަރުން އިތުރުކުރުމުގެ ގޮތުން ޑިސްކައުންޓެޑް ރޭޓްތަކުގައި ޓިއުޝަންފީ ލިބޭ ސްކޮލަރޝިޕްތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން އިތުރު ޚަރަދުތައް ލޯނެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. މަތީ ތަޢުލީމަށް އަލަށް ލިބުނު ފުރުޞަތުތަކުގެ އިތުރުންވެސް ޢާއްމުކޮށް ލިބެމުން އަންނަ މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކަށް މިއަހަރުގެ ތެރޭގައި އިޢުލާނު ކުރައްވާފައިވެއެވެ. މިގޮތުން ބެޗެލަރސް ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ މަތީ ތަޢުލީމު ގިނަ ފުރުޞަތުތަކެއް ހިމެނެއެވެ.