ޚަބަރު

އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު


ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާގެ ޝަރުޢީ ނިޒާމް ހިނގަމުންދާގޮތް ދެނެވަޑައިގަތުމަށާއި، އިންޑިއާގެ ޝަރުޢީ ދާއިރާގައި އާބިޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރަމުންދާގޮތް ބެއްލެވުމަށް އިންޑިޔާގެ އުއްތަމަ ފަނޑިޔާރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޢަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ދަތުރުފުޅުގައިވަނީ ބޭރުގެ އެކި ޤައުމުތަކުގެ ޝަރުއީ ދާއިރާތައް ހިނގަމުންދާ ގޮތްތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި "ގްލޯބަލް ކޮންފަރެންސް އޮން ނޭޝަނަލް އިނިޝިއޭޓިވް ޓްވަރޑްސް ސްޓްރެންތެނިންގ އާބިޓްރޭޝަން އެންޑް އެންފޯސްމަންޓް އިން އިންޑިއާ" ގެނަމުގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައެވެ. 

ބޫޓާން، ބަންގުލަދޭޝް އަދި ސިންގަޕޫރުގެ އުއްތަމަ ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވި 3 ދުވަހުގެ މި ކޮންފަރެންސްގައި މަޝްވަރާކުރެއްވި އާބިޓްރޭޝަނާ ގުޅޭ ސެޝަންގެ ޕެނަލްގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމްގައި އާބިޓްރޭޝަންގެ ކަންކަން ހިނގަމުންދާގޮތް ޙިއްޞާކުރައްވާފައިވެއެވެ. 

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާ އަދި ސިންގަޕޫރުގެ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައި ދެޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހި ކުރައްވައި، ތަޖުރިބާ ޙިއްޞާ ކުރެއްވުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛާ މަރިޔަމް ޝަމްޢާ އިސްމާޢީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.