އުރަމަތީގެ ކެންސަރާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން "ޕިންކް ރިބަން ރަން-ވޯކް" ގެ ނަމުގައި ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި ކެންސަރ ސޮޝައިޓީ އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލޭގައި ބޭއްވި މި ޙަރަކާތާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ކެންސަރު ސޮސައިޓީގެ ޗެއާޕަރސަން ޖުވޭރިޔާ ސަޢީދު ވިދާޅުވީ އޮކްޓޯބަރު މަހަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމުތައް ހިންގާ މަހެއް ކަމަށާއި ރާއްޖޭގައި ވެސް މިކަން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވިފައިވާ ކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ.
ޖުވޭރިޔާ ވިދާޅުވީ ކެންސަރު ބައްޔަކީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ ފަރުވާ ކުރެވޭ ބައްޔެއްކަމުން އެފަދަ ކަންކަމާއިމެދު އާއްމުން ހޭލުންތެރިކުރުވުން މުހިއްމު ކަމަށެވެ. އެގޮތުން މިފަދަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަ އަހަރު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަކީ 2012 ވަނަ އަހަރު އުފެދުނު މަދަނީ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ކެންސަރު ބައްޔާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.