ތަރައްްޤީ

ހައްދުންމަތީ ބޮޑު މަގުގެ މަސައްކަތް ވަރަށް ފުރިހަމަ - ހައުސިންގ


ހައްދުންމަތީ ބޮޑު މަގަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު މަގު ކަމަށާއި، މަގުގެ މަސައްކަތް ކުރި ޗައިނާ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ބޮޑު މަގުގެ ޢަމަލީ މަސައްކަތް ނިމިފައިވުމާއެކު، ދިވެހި ސަރުކާރާ އެ މަޝްރޫޢު ޙަވާލުކުރުމުގެ ކުރިން، ހައުސިންގ މިނިސްޓްރީގެ އިންޖިނިއަރިންގ ޓީމަކުން ވަނީ މަސައްކަތުގެ ފެންވަރު ބެއްލެވުމަށް މިދިޔަ ސެޕްޓެމްބަރު މަހު ލ.އަތޮޅުގައި ޙަރަކާތްތެރިވެ ވަޑައިގެންފައެވެ. އެ ޓީމުން ވަނީ މަސައްކަތުގެ ފެންވަރާއި، މަސައްކަތް ފުރިހަމަ ވެފައިވާ މިންވަރާއި، އަދިވެސް އިންޖިނިއަރިންގއާ ގުޅޭ ބެލުންތައް ބެއްލެވުމަށްފަހު ރިޕޯޓެއް އެކުލަވާލައްވާފައެވެ.

އެ ރިޕޯޓާއި ގުޅޭގޮތުން ހައުސިންގ މިނިސްޓަރުގެ ނާއިބު ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް އެންމެ ފުރިހަމަ މަގަކީ ލ.އަތޮޅުގެ ބޮޑު މަގު ކަމަށާއި، މަގުގެ މަސައްކަތްކުރި ޗައިނާގެ ޖިއާންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޮޓޭޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުން އެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. ނަމަވެސް މަގު ރަސްމީކޮށް ހުޅުވުމުގެ ކުރިން އަދިވެސް ބައެއް ކަންތައްތައް ފުރިހަމަ ކުރަން ޖެހޭކަމަށް މުއްޠަލިބު ފާހަގަކުރެއްވިއެވެ.

އެގޮތުން މި މަގަކީ ހައިވޭއެއް ގޮތަށް ސްޕީޑް ބްރޭކަރ ހަރުނުކޮށް ހަދާފައިވާ މަގަކަށްވުމާއެކު މަގު ބޭނުންކުރާ އާންމުގެ ސަލާމަތަށްޓަކައި ސްޕީޑް ބްރޭކަރ ހަރުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަގުގެ މެދުގައި މާގަސް އިންދުމަށް ބަޔަކާ ޙަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ. މުއްޠަލިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މަގު ރަސްމީކޮށް ހުޅުވުން ކަމަށާއި، މަގު ހުޅުވަން ވާއިރަށް ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެ ކަމަށެވެ.

ހައްދުންމަތީ ބޮޑު މަގު ހުޅުވުމަށް ލ.އަތޮޅުގައި ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ހައުސިންގ މިނިސްޓްރީން އަންނަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. މުއްޠަލިބު ވިދާޅުވީ ބޮޑު މަގުގެ މަޝްރޫޢަކީ ލ.އަތޮޅަށް މިހާތަނަށް ލިބިގެންދާ އެންމެ ބޮޑު ތަރައްޤީ ކަމަށާއި، އެހެންކަމުން ސަރުކާރުންވެސް މަގު ހުޅުވުމަށް ވަރަށް ބޮޑު ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.