ދީން

ކުމުންދޫގައި ސަރުކާރުން ބިނާކުރެއްވި މިސްކިތް ހުޅުވައިފި


ސަރުކާރުން ހދ ކުމުންދޫގައި ބިނާކުރެއްވި މަސްޖިދުއް ފިރުދައުސް، އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ހުޅުވައިދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ކުމުންދޫގައި ސަރުކާރުން ބިނާކުރެއްވި މިސްކިތް މިއަދުގެ މެންދުރު ނަމާދު ވަގުތުގެ ކުރިން ބޭއްވެވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ އެމަނިކުފާނު މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ކުމުންދޫގައި އިމާރާތްކޮށް މިއަދު ރަސްމީކޮށް ހުޅުވި މިސްކިތަކީ ދިވެހި ސަރުކާރުން 6.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރެއްވި މިސްކިތެކެވެ. ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތަކީ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 

މިސްކިތް ހުޅުވައިދެއްވުމަށްގަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ޤާއިމްކުރުމުގައި މިސްކިތްތަކަކީ ވަރަށް މުހިންމު ދައުރެއް ޤަދީމީ ޒަމާނުއްސުރެ އަދާ ކުރާ ތަނެއްކަން ފާހަގަކުރައްވާ މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. 

img:http://s1.psmnews.mv/images/660x400/14775650138375.jpg|މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒިޔާދު ވާހަކަފުޅުދައްކަވަނީ

މިނިސްޓަރގެ ވާހަކަފުޅުގައި މުޖުތަމައެއްގައި އެއްބައިވަންތަ ރައްޔިތެއް އުޅުމުގެ މުހިންމުކަމަށް އަލިއަޅުއްވާ އެކުވެރިކަން ޢާލާ ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި މިސްކިތްތައް ފަދަ މާތް ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ވެސް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. 

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ސަޢުދީ އަރަބިއްޔާގެ ޑެޕިޔުޓީ އެމްބެސެޑަރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާ ކުރުމަށް މިހާރުވެސް ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށާއި މިއީ ހެޔޮ ނިޔަތެއްގައި ކުރެވޭ މާތް މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި މިސްކިތްތައް ބިނާ ކުރުމަށް ފަހުގައި ވެސް އެތަންތަން ބެލެހެއްޓުމުގައި ވެސް ސަޢުދީ ސަރުކާރަށް ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.