ސިއްހަތު

ޕަބްލިކް ހެލްތު އެކްސެލެންސް އެވޯޑު ތަޢާރަފްކުރައްވައިފި


ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ޕަބްލިކް ހެލްތު އެކްސެލެންސް އެވޯޑު"ގެ ނަމުގައި އެވޯޑެއް ދެއްވުމަށް ނިންމަވާ އެކަން ހެލްތު މިނިސްޓްރ ޢަބްދުﷲ ނާޒިމް އިބްރާހިމް އިއުލާންކުރައްވައިފިއެވެ.

ހެލްތް މިނިސްޓަރ މިކަން އިއުލާންކުރައްވާފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރެއްވުމަށްޓަކައި ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި ޙާއްސަ ހަފްލާގައެވެ. މިނިސްޓަރ ނާޒިމްގެ ވިދާޅުވީ ދިވެހިރާއްޖޭގައި ތިރީސް ފަސް އިންސައްތަ ފިރިހެނުންނާއި ތިނެއް ޕޮއިންޓް ހަތަރެއް އިންސައްތަ އަންހެނުން ދުންފަތުގެ އިސްތިއުލާމުކުރަމުންދާކަން ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 460 މިލިއަނަށްވުރެ ގިނަ ސިނގިރެޓް ރާއްޖެ އެތެރެކޮށްފައިވާކަމަށާއި އެކަމަށް އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާކަމަށް ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތަކަށް އަމާޒުކުރައްވައިގެން ހާއްސަ އެވޯރޑެއް ތަޢާރަފްކުރައްވާނެކަމަށެވެ.

ދުންފަތުގެ ވިޔަފާރިކުރަމުން ދިޔަ ބައެއް ވިޔަފާރިވެރިން އެކަންތައް ހުއްޓާލާފައިވާތީ އެކަން ނަމޫނާއަކަށް ބައްލަވައިގެން ބޮޑެތި ވިޔަފާރިވެރިން ދުންފަތުގެ ވިޔަފާރި ކުރުން ހުއްޓާލުމަށްވެސް މިނިސްޓަރ ނާޒިމް ގޮވާލެއްވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ވޭމަންޑޫގައި ބޭއްވި ހާއްސަ ހަފްލާގައި މިއަހަރުގެ ނޯ ޓޮބޭކޯޑޭގެ އެވޯޑު ދެއްވާފައިވެއެވެ. މި ފަހަރުގެ އެވޯރޑް ލިބިފައިވަނީ ނެޝަނަލް ޑްރަގް އެޖެންސީއަށެވެ. މި ހަފްލާގައި ތ އަތޮޅުގައި ދުންފަތުގެ ވިޔަފާރިކުރުން ހުއްޓާލާފައިވާ ވިޔަފާރިވެރިންނަށްވެސް ހަނދާނީ ލިޔުން ހަވާލުކުރައްވާފައިވެއެވެ.