ކިތަންމެ ކުޑަނަމަވެސް ރާއްޖެއަކީވެސް އަމިއްލަ ގޮތްތަކެއްގެ މަތީގައި، ކަރާމާތް ލިބިގެންވާ ދައުލަތެއް ކަމަށާއި، ދިވެހި ދައުލަތުގެ ބާރުތަކުން ނިންމަވާ ނިންމެވުންތަކަށް ބޭރުގެ ފަރާތްތަކުން އިޙްތިރާމް ކުރަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ނިންމަވާ މައްސަލަތަކާމެދު ބޭރުގެ ޤައުމުތަކުން ބަސް ބުނުމަކީ، އެމަނިކުފާނަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެހެނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެޤައުމެއްގެ އެތެރޭގައި ދިމާވާ ބޮޑެތި މައްސަލަތަކަށް އެންމެ ފަހުގެ ނިންމުންނިންމައި ގޮތެއް ކަނޑައަޅާނީ އެގައުމެއްގެ ސުޕްރީމް ކޯޓުންކަމަށްވާއިރު، ރާއްޖޭގެ މިނިވަން ދީމިޤްރާތީ މުޖުތަމަޢުގައި އެންމެ މަތީ ކޯޓުގެ ދައުރު ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާ ނިންމެވުންތަކަށް ބަސްބުނެ އިދިކޮޅު ހެދުމަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހިރައްޔިތުންވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.
" ކީއްވެގެންތޯ އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާ މައްސަލަތަކާ ގުޅޭ ގޮތުން ބަސްނުބުނަންވީ. އެކަމަކު ރާއްޖޭގައި މިހިނގާ ކަންކަމަށް ބަސްކިޔޭ އެބަ. މިއީ ދައުލަތެއް. ކުޑަނަމަވެސް، ނިކަމެތި ނަމަވެސް، ފަގީރުނަމަވެސް، އަޅުގަނޑުމެންނަކީ އަމިއްލަގޮތްތަކެއްގެމައްޗަށް ތަބާވެތިބި، ހަމަ ކަރާމާތް ލިބިގެންވާ ދައުލަތެއް. އެހެންވީމަ މިދައުލަތުން ނިންމާ ކަންތައްތައް ނިންމީމަ، އަޅުގަނޑުމެން ދުނިޔޭގެ ޢާއިލާގެ ތެރޭގައި ހެލިފެލިވެ އުޅެންޏާ ހަމަ އެއިޙްތިރާމާއި ޤަދަރާ، އެއިންސާފު އަޅުގަނޑުމެންނަށް ލިބެންޖެހޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، ދިވެހިންގެ ބަޔަކު ތިބެގެން ދޭ ނުބައި މަޢުލޫމާތުގެ މައްޗަށް ރާއްޖޭގެ ހުރިހާކަމަކާއި ބެހުމުގެ ފުރުސަތު ބަޔަކަށް ދޭނަމަ، ރާއްޖެއިން ބޭރުން ލިބޭ އެހީތަކަށް ހުރަސް އެޅޭނެކަމަށެވެ. ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ފައިވިއްދައިގެންތިބެ ރާއްޖެއިން އިންސާފު ނުލިބޭކަމަށްބުނެ ބޭރުގެ ޤައުމުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، މީހެއްގެ ޙައްޤެއް ގެއްލިފައިވާނަމަ އެޙައްޤެއް ހޯދުމުގެ ފުރުޞަތު ރާއްޖޭގައި އިންތިހާއަށް ފަހިވެފައިވާކަމަށެވެ. އަދި ޙައްޤުތައް ހޯދުމުގެ މަސައްކަތް ކުރައްވަންވާނީ އޮންނަ އުޞޫލެއްގެ ތެރެއިންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
" މީހަކަށް ގެއްލޭ ޙައްޤެއް ނުހޯދޭނެ، އެތަން މިތަން ރޯކޮށްގެން މީހުނަން ލިބޭ ޙައްޤެއް ނުހޯދޭނެ މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާކޮށްގެނެއް. އެކަން ކުރަން އޮންނަ މަގުން އެކަންކުރީމަ ވާނީ. އެހެންވީމަ އަޅުގަނޑު ހަމަ ދައުވަތު އަރުވާނަން މިއަދުވެސް، އަޅުގަނޑުމެންގެ ކަންކަން ރަނގަޅުކުރަން ބޭނުންނަމަ މިދެންނެވި ގޮތަށް ޒިންމާދާރު ކުރެވޭތޯ ބަލަން. ރާއްޖޭގައި ތިބެގެން ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ. ރާއްޖޭގެ އޮންނަ ނިޒާމު ޤަބޫލުކޮށްގެން، އަދި އެބައެއްގެ މައްޗަށްވެސް ރާއްޖޭގެ ޤާނޫނުތައް ހިނގާނެކަން ޤަބޫލުކުރާ ބަޔަކަށް އެގާނޫނުތައް އެހެންބައެއްގެ މައްޗަށް ހިންގުމަށް ވެރިކަމާ ޙަވާލުވެވޭނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރާއްޖޭގައި ކުރެވެމުންދާނީ ހަމައެކަނި އަދުލުގެ ނިޒާމު ފުރިހަމަކުރުމުގެ މަސައްކަތް އެކަނި ނޫންކަމަށާއި، އެނިޒާމު ފުރިހަމަކުރާނަމަ ޤާނޫނުތަކަށްވެސް އިސްލާޙް އަންނާނެކަމަށެވެ. އަދި ދުނިޔޭގެ ހުރިހާތަނެއްގައި ކުރެވޭ ގޮތަށް ފަނޑިޔާރުންގެ ހުނަރާއި ތައުލީމު ރާއްޖޭގައިވެސް ތާޒާކުރެވެމުންދާކަމަށެވެ.
ނެއްލައިދޫގައި ވާހަކަފުޅު ދައްކަވަމުންވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރާއްޖެއަކީ އެންމެނަށްވެސް އުޅެވޭ ކުށްމަދު ތަނަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޮންމެ ރަށަކީވެސް، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ރަށަކަށް ހައްދަވައި، މީހުންގެ ޙައްޤުތަކަށް އަރައިނުގަންނަ ތަނަކަށް ވާންއެބަޖެހޭކަމަށާއި، ޖިނާޢީ ބޮޑެތިކުށް ސަލާމަތްވެފައިވާ ޤައުމަކަށް ރާއްޖެވާން އެބަޖެހޭކަމުގައި ރައީސް މިއަދު ވިދާޅުވިއެވެ.