އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ލޭ ރައްކާކުރާނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލްއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވީ، ލޭ ރައްކާކުރުމަށްޓަކައި ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ލިބިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ބައެއް މެޝިންތައްވެސް އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ.
އަދި ލޭ ރައްކާކުރުމުގެ ހިދުމަތް ފެށުމަށްޓަކައި ހޮސްޕިޓަލުން މިހާރު ކުރަމުންދާ މަސައްކަތަކީ، އެ ޚިދުމަތް ދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރުން ކަމަށެވެ. އެގޮތުން ދެ ނަރުހުންނާއި ލެބޯޓްރީ ޓެކްނީޝަނެއް ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އުއްމީދު ކުރަނީ މިއަހަރު ނިމުމުގެ ކުރިން ލޭ ރައްކާކުރުމުގެ ޚިދުމަތް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްވެގެންދިއުން ކަމަށް ޝާހު ވިދާޅުވިއެވެ.