ޚަބަރު

އަމާޒަކީ ވައިގެ ސަރަޙައްދު އެއްކޮށް ކަވަރކުރުން- އޭޓީއެސް


24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ތަނެއްގެ ހައިސިއްޔަތުން، އެއަރޕޯޓެއްގެ ވަކި ވަކި އޮޕަރޭޝަންތަކަށް ބަލާލާއިރު، އެންމެ މުހިއްމު ޙިދުމަތެއް ފޯރުކޮށްދޭ އެއް ބަޔަކީ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެވެ. މަތިންދާ ބޯޓުތައް އެއަރޕޯޓުން ނައްޓާލުމާއި، ޖެއްސުމުގެ އިތުރުން، ވައިގެ ތެރޭގައި އުދުހޭއިރު، އެއް ބޯޓު އަނެއް ބޯޓާއި ނުޖެހި، ބޯޓުތައް އުދުހުމަށް ކަނޑައެޅާފައިވާ ރޫޓުން އުދުހުމުގެ ހުރިހާ ޒިންމާއެއް ނަގާ ބަޔަކީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނެވެ. އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެށިގެން ދިޔައީ 1970 ވަނަ އަހަރުގެ ތެރޭގައެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަކީ އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކާ ގުޅިފައިވާ ޚިދުމަތެއްކަމުން، ރާއްޖޭގައި މި ޚިދުމަތް ދެމުންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީއެލްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެގޮތުން އެކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓްތަކާއި، އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައި މި ޚިދުމަތް ދެއްވަމުންނެވެ.

ޒަމާނަށް އަންނަމުންދާ ކުރިއެރުންތަކާއެކު، ރާއްޖޭގައިވެސް އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަކީ ވަސީލަތުގެ ގޮތުން ތަނަވަސް ޙިދުމަތަކަށް ހެދުމަށްޓަކައި އެމް.އޭ.ސީ.އެލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ޙިދުމަތް ތަރައްޤީކުރުމަށްޓަކައި އެކަނިވެސް 240 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސަރުކާރުން ވަނީ ކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14769557258005.jpg|އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި މުވައްޒަފަކު ހަރަކާތްތެރިވަނީ  

މި ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށްޓަކާ ކުރިއަށް ރޭވިފައިހުރި ކަންތައްތަކާއި ގުޅޭގޮތުން ޓީ.ވީ.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެއަރ ޓްރެފިކް ސަރވިސަސްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ އިބްރާހީމް ހަމީދު ވިދާޅުވީ، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން އެޅިގެންދާ އާ ރަންވޭއާއެކު، އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ސެކަންޑަރީ ސަރވައިލެންސް ރާޑަރުގެ އިތުރު ރާޑަރެއް އިންސްޓޯލްކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އަދި އުއްމީދަކީ 2020 ވަނަ އަހަރުގެ ނިޔަލަށް މުޅިން އާ ރާޑަރ ސިސްޓަމެއް އިންސްޓޯލްކޮށް، ރާއްޖޭގެ ވައިގެ ސަރަޙައްދުގެ %100 ކަވަރކުރުންކަމަށް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް އިތުރަށް ބޭނުންވަނީ ނެވިގޭޝަނަލް ސަރވައިލެންސް ކޭޕަބިލިޓީ ރަނގަޅުކުރުން. އެގޮތުން އެއްބަސްވުމެއްގައި ސޮއިކުރުމަށް އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ސްޕޭސް ބޭސްޓް އޭ.ޑީ.އެސް-ބީ ތަޢާރަފުކުރަން. މިހާރު ހުރި ވަސީލަތްތަކާއެކު އަޅުގަނޑުމެންގެ ޤާބިލުކަމަކީ މިހާރު ބަލަހައްޓާ ވައިގެ ސަރަހައްދުގެ %90. ނަމަވެސް އަލަށް މިތަޢާރަފުކުރެވޭ ވަސީލަތްތަކާއެކު އަޅުގަނޑުމެންގެ ކަވަރޭޖް %100 އަށް އިތުރުކުރެވޭނެ" ހަމީދު ވިދާޅުވިއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލިންގެ ދާއިރާއިން ރާއްޖޭން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން އިބްރާހީމް ހަމީދު ވިދާޅުވީ، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއިން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެންމެ ފުރަތަމަ ޙާސިލުކުރި 2 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށެވެ. އަދި މި ސަރަޙައްދުގައި ސެކަންޑަރީ ސަރވައިލެންސް ރާޑަރުގެ ޚިދުމަތް އެންމެ ވަރުގަދަ އެއް ޤައުމަކީވެސް ރާއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

"އައިކާއޯއިން އޭޝިއާ ސަރަހައްދަށް ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ޕަރފޯމަންސް ބޭސްޓް ނެވިގޭޝަނަލް އިމްޕިލިމެންޓޭޝަން ޓާގެޓަށް ވާސިލުވި ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ. އަދި ސަރވައިލެންސް ސިސްޓަމް ޤާއިމުކޮށްފައިވާ ޤައުމުތަކުގެ ތެރެއިންވެސް އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެ" އެއަރ ޓްރެފިކް ސަރވިސަސްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ވިދާޅުވިއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި 108 މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު، މި އެންމެނަކީވެސް ދިވެހިންކަން ފާހަގަކޮށްލަންޖެހެއެވެ. ބަތިންދާ ބޯޓުތައް ބެލެހެއްޓުމުގެ އިތުރަށް، ސީ ޕްލޭންގެ އުދުންހުންތައްވެސް ބަލަހައްޓަމުން ދަނީ އެއަރ ޓްރެފިކް ސަރވިސަސްގެ ފަރާތުންނެވެ. "އޭރިއާ ކޮންޓްރޯލް ސެންޓަރ"ގޮތުގައި ފޯރުކޮށްދެމުން މިއައި ޚިދުމަތް، "މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރ" ގެ ނަމަށް އިއްޔެވަނީ ބަދަލުކުރައްވާފައެވެ.