ޚަބަރު

ނޯވޭ މެޗުގައި ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ: ޓުޗެލް


  • އިންގްލަންޑް މިމެޗު ކާމިޔާބު ކުރީ 1-2 އިން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގައި ނޯވޭ އާއި ދެކޮޅަށް އިންގަލަންޑް އިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް މިޓީމަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެކަމަށް އިންގްލަންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް މިހެން ބުނެފައިވަނީ ނޯވޭ އާއި ބައްދަލުކޮށް ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުން އިންގަލަންޑް މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ޓުޗެލް ބުނީ މިމެޗުގައި އިންގަލަންޑްގެ ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް ތައުރީފް ހައްގު ކަމަށާއި ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ބުނަން ޖެހޭނީ އިންގްލަންޑް ޓީމަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެކަމަށެވެ.

މުޅި މެޗަށް ބަލާއިރު މިއީ އެންމެ ވަރުގަދަކޮށް ކުޅުނު މެޗެއްގެގޮތުގައި ނުބުނެވޭނެ ކަމަށާއި އަދި މިއަށްވުރެ ވަރުގަދަ މެޗު އިންގަލަންޑްއިން ކުޅެފައިވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިވަގުތު މުހިންމީ ސެމީ ފައިނަލުން ޖާގަހޯދުން ކަމަށާއި އެކަން ވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް ޓުޗެލް ފާހަގަ ކުރިއެވެ.

އިންގްލަންޑް ޓީމުގެ ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ އެޓީމުން ހަމަލާ އުފައްދާއިރު ހަމަލާތަކުގައި މިހާރަށް ވުރެ ގިނަ ކުޅުންތެރިންގެ ބައިވެރިވުން މުހިންމު ކަމަށާއި މިވަގުތު އެޓީމުން އުފައްދާ ގިނަ ހަމަލާތައް ބިނާވެފައިމިވަނީ ކެޕްޓަން ހެރީ ކޭން އާއި ޖޫޑް ބެލިންގހަމްގެ މައްޗަށް ކަމަށެވެ.

ޓުޗެލް ބުނީ ކޭން އާއި ބެލިންގހަމް އަށް ބަރޯސާ ވުމަކީ ގޯސް ކަމެއް ނޫން ކަމަށާއި މިހާތަނަށް އެދެ ކުޅުންތެރިން އެކަން ސާބިތު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އެދެ ކުޅުންތެރިންނަށް އެހެން ކުޅުންތެރިންގެ ބައިވެރިވުން އައުމުން ލުއި ވެގެންދާނެކަމަށް ޓުޗެލް ހާމަކުރިއެވެ.

ޓުޗެލް ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާގެ ޑިމާންޑް ތަކެއް ނުންނަ ކަމަށާއި އަދި އޭނާ އަބަދުވެސް ބޭނުންވަނީ އިންގަލަންޑް ޓީމަށް ކުޅެވޭ އެންމެ ރަނގަޅު ކުޅުން ކޮންމެ މެޗެއްގައިވެސް ދެއްކުން ކަމަށްވާތީ ބައެއް ފަހަރު އޭނާގެ ހިތުގައި ހިތްހަމަ ނުޖެހުން ހުންނަ ކަމަށެވެ.

އޭނާ ބުނީ ޓީމަކަށް މެޗުން މޮޅުވުމަށް އެހީތެރިވެވޭނެ އެންމެ ބޮޑު ކަމަކަށް ވެގެންދާނީ އެޓީމެއް ކުޅޭ އެންމެ ރަނގަޅު ކުޅުން ދެއްކުން ކަމަށް ޓުކެލް ބުންޏެވެ. މިގޮތުން މިހާރަށް ވުރެ ހަލުވި ވެފައި ކްލިނިކަލް ވެވޭނެކަމަށް އިންގްލަންޑްގެ ކޯޗު ބުންޏެވެ. އަދި މިހާރު މާގިނަ ގޯސްތައް ދަނޑު މަތީގާ ހެދޭތަން ފެންނަކަމަށާއި މިއިން އެއްވެސް ގޯހެއްގެ ފައިދާ އިދިކޮޅު ޓީމަށް ހިފިއްޖެނަމަ އެކަމުގެ އަސަރު މުޅި ޓީމަށް ކުރާނެކަމަށްވެސް ޓުކެލް ފާހަގަ ކުރިއެވެ.