މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް ދިވެހިރާއްޖޭގެ ޔުނިވަރސިޓީ، އައިޔޫއެމްގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމިކް ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް ހާރޫންއެވެ.
އިސްލާމިކް ފައިނޭންސް ކުރިއެރުވުމާއި ގުޅޭގޮތުން އިސްލާމިކް ޔުނިވަރސިޓީ އާއި އިސްލާމިކް ބޭންކް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިސްލާމިކް ޔުނިވަރސިޓީ ތަރައްޤީކުރުމަށްޓަކައި އިސްލާމިކް ބޭންކް އިން އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އެޔުނިވަރސިޓީން ވިދާޅުވެއެވެ. އެގޮތުން އިސްލާމިކް އިކޮނޮމިކްސް ކިޔަވައިދޭން ކުއްލިއްޔާއެއް ޔުނިވަރސިޓީގެ ތެރޭގައި ޤާއިމުކުރުމަށް އިސްލާމިކް ބޭންކް އިން ފައިސާގެ އެހީތެރިކަން ފޯރުކޯށްދެވޭނެއެވެ. އަދި ޔުނިވަރސިޓީގެ ދަރިވަރުންނަށް އިސްލާމިކް ފައިނޭންސްއާއި ގުޅޭ ދާއިރާއިން ސްކޮލަރޝިޕް ދިނުން ހިމެނޭކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން އެބޭންކްގެ އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ. އަދި އިސްލާމިކް ފައިނޭންސް އާއި ގުޅޭ ތަމްރީނުތައް ބޭންކް އާއި އައިޔޫއެމް ގުޅިގެން ކުރިއަށްދާނެ ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ކުރެވޭ ކަންކަމުން ޔުނިވަރސިޓީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.
އިސްލާމިކް ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް ހާރޫން ވިދާޅުވީ އެބޭންކް އިން އިސްލާމިކް ފައިނޭންސް ކުރިއަރުވަން މަސައްކަތްކުރުމަށް ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ޤާއިމުކުރެވުނު އިސްލާމިކް ޔުނިވަރސިޓީން ދަނީ އިސްލާމީ ދާއިރާތަކުން އެކި ފެންވަރުގެ ކޯސްތައް ހިންގާ ތަރައްޤީކުރަމުންނެވެ. އެޔުނިވަރސިޓީގެ އަމާޒަކީ މިސަރަޙައްދުގެ ލީޑިންގ ޔުނިވަރސިޓީއަކަށްވުމެވެ.