މޯލްޑިވިއަން ބްލަޑް ސަރވިސްއިން، ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމަށް ކުރިޔަށްގެންދަވާ ޚާއްޞަ ކެމްޕެއިންގެ ދަށުން މިއަދު ސްޓެލްކޯއާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސްއިން މަޢުލޫމާތު ދެއްވާގޮތުގައި މިއީ ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދެއްވުމުގެ ގޮތުން އެސަރވިސްއާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ މިގޮތުން ބާއްވާ އެއްތިރީސް ވަނަ ޕްރޮގްރާމެވެ. މިހާތަނަށް 1106 ޕޮއިންޓް ލޭ ލިބިފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެއެވެ.
މިއަދު ސްޓެލްކޯއާއި އެކު ކުރިޔަށްގެންދާ ޕްރޮގްރާމްގައި ސްޓެލްކޯގެ 150 މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް ޑރ.އަސްމާ އިބްރާހިމް ސުލައިމާން ވިދާޅުވީ، ބްލަޑް ސަރވިސްއަށް ދުވާލެއްގެ މައްޗަށް 25 އާއި 30 ޕޮއިންޓް ލޭ ބޭނުންވާކަމަށާއި އެހެންކަމުން ލޭ ހޯދަނީ މިފަދަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ބާއްވައިގެން ކަމަށެވެ.
" މޯލްޑިވިއަން ބްލަޑް ސާވިސްއިން މިހާރު ޚިދްމަތް ހޯދަމުން އަންނަ 620 ކުދިންނަށް، ގާތްގަޑަކަށް ހަފްތާއަކު އެބަ 150 ޕައިންޓް ލޭ ބޭނުންވޭ.އެ ހަފްތާއަކު ކޭމްޕެއް ނުބޭއްވިއްޖިއްޔާ ލޭގެ ދަތިކަން ދޭތެރެއަކުން އުޅޭ.ލޭ ނުލިބިގެން ކުދިންގެ މައިންބަފައިން ވަރަށް މަސައްކަތް ކުރަންޖެހޭ. ހުރިހައި ބޭފުޅުންވެސް އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ލޭހަދިޔާ ކުރާނަމަ، އަޅުގަނޑުމެން އަތުގައި ލޭ ހުންނާނެ.ދެން މިހާރު ތަފާސް ހިސާބުތައް ދައްކާގޮތުން 33% ބޭފުޅުން ދަރުމައަށް ލޭ ދެއްވާ. އަޅުގަނޑުމެން އެބަޖެހޭ ލޭ ހަދިޔާ ކުރާ މީހުން އިތުރު ކުރަން.އެނޫނީ އަޅުގަނޑުމެންވާ ވަރަށް ދަތިތައް އެބަދިމާވޭ." މޯލްޑިވިއަން ބްލަޑް ސާވިސްގެ ޑިރެކްޓަރ ޖެނެރަލް ޑރ.އަސްމާ އިބްރާހިމް ސުލައިމާން ވިދާޅުވިއެވެ.