ޚަބަރު

ރާއްޖޭގައި ޢަރަބި ބަސް ދަސްކޮށްދޭ މަރުކަޒެއް ޤާއިމްކުރަނީ


ދިވެހިރާއްޖޭގައި ޢަރަބި ބަސް ދަސްކޮށްދޭ ޒަމާނީ މަރުކަޒެއް ގާއިމްކޮށްދެއްވުމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ނިންމަވައިފިއެވެ.

ސައޫދީ ނޫހެއްކަމަށްވާ އަލްޖަޒީރާ ބުނާގޮތުން ސައޫދީ ރަސްފާނު މިކަން ނިންމެވީ ހުރިހާ ދާއިރާތަކެއްގައާއި އަދި ޚާއްސަކޮށް ތައުލީމާއި އެކަޑެމިކް ދާއިރާގައި ދިވެހރާއްޖެއާއި ގުޅުންތައް ބަދަހި ކުރުމަށް ސައޫދީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ. ސައޫދީ ރަސްގެފާނުގެ މި ނިންމެވުމާ ގުޅިގެން އަރަބި ބަސް ދަސްކޮށްދޭ ޒަމާނީ މަރުކަޒެއް ދިވެހިރާއްޖޭގައި ބިނާކޮށްދިނުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ސައޫދީ ތަޢުލީމާބެހޭ ވަޒީރު ޑރ. ސުލައިމާން އަބަލްޚައިލް ވަނީ އެ ޤައުމުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ އަލްއިމާމް މުހައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީއަށް ރަސްމީގޮތުން އަންގަވާފައެވެ. އަލްއިމާމް މުހައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީން މިކަން ކުރިޔަށް ގެންދާނީ އެމަނިކުފާނުގެ ޚާއްސަ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގައި ހުންނަ ސައޫދީ އެންބަސީ މެދުވެރިކޮށްގެން ކަމަށް ސައޫދީ ތަޢުލީމާބެހޭ ވަޒީރު ޑޮކްޓަރ ސުލައިމާން އަބަލްޚައިލް ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ހުރިހާ ޚަރަދަކާއި ފަންނީ އެހީތެރިކަން ސައޫދީ ސަރުކާރުން ދެއްވާނެ ކަމަށްވެސް ސައޫދީ ތަޢުލީމާބެހޭ ވަޒީރު ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖެއާއެކު ވަރަށް ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ޒަޢާމަތުގައި މިގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ވެފައެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށްވެސް ސަޢޫދީ ސަރުކާރުން ގެންދަވަނީ އެހީތެރި ވެދެއްވަމުންނެވެ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށްވެސް ސަޢޫދީ ސަރުކާރުން ޚާއްސަ އެހީތެރިކަމެއް ދެއްވައެވެ.