ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ފަރަންސޭސިވިލާތު ޓީމުގެ ކޯޗު ޑިޑިއަރ ޑޭޝޯމްޕް މާދަމާގެ ވަގުތެއްގައި ޓީމާއި އަލުން ގުޅޭނެކަމަށް އެޓީމުގެ އެސިސްޓަންޓް ކޯޗު ގައި ސްޓެފަން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ގްރޫޕް އައިގައި ނޯވޭ އާއި ބައްދަލުކޮށް 4 ލަނޑު އެއް ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މިމެޗުގައި ފަރަންސޭސި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ ވަރަށް އަވަހަށް ކޯޗު ޑޭޝޯމްޕް ޓީމާއި ގުޅޭނެ ކަމަށާއި އަދި މާދަމާ މެންދުރު ފަހު އެޓީމުން ބާއްވާ ފަރިތަކުރުން ތަކުގައި ޑޭޝޯމްޕް ބައިވެރިވާނެކަމަށެވެ.
ސްޓެފަން ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އިދިކޮޅު ޓީމަށް ގިނަ މައްސަލަ ތަކާއި އެޓީމުން ކުރިމަތި ކުރުވި ކަމަށެވެ. މިމެޗުގައި ފަރަންސޭސީން ޖަހާފައިވަނީ ވަރަށް ރީތި ލަނޑު ތަކެއް ކަމަށާއި މިގޮތުން އުސްމާން ޑެމްބެލޭ ހެދި ހެޓްރިކާއި ޑިޒާރޭ ޑޫއޭ ވޯލްޑް ކަޕްގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު އޭނާ ފާހަގަ ކުރިއެވެ. ސްޓެފަން ބުނީ ވޯލްޑް ކަޕް ގްރޫޕް މަރުހަލާއެއް ކަމަކު މެޗެއްގައި ހެޓްރިކެއް ފެނިގެންދިއުން އެއީ އާންމު ކަމެއް ނޫން ކަމަށެވެ. އަދި މިމެޗުގައި އެޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަކަންވެސް އޭނާ ފާހަގަ ކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނޯވޭގެ ކޯޗު ސްޓާލް ސޮލްބަކެންވަނީ ފަރަންސޭސީން ނާއި ބައްދަލުކުރި މެޗަށް އޭނާ ނެގި ފުރަތަމަ އެގާރައަށް އެހާގިނަ ބަދަލު ގެންނަން ޖެހުނު ސަބަބު ހާމަކޮށްދީފައެވެ. ސޮލްބަކެން ބުނީ އޭނާ މިބަދަލުތައް ގެންނަން ޖެހުނީ އެންމެ ފަހުން ކުޅުނު މެޗާއި މިމެޗާއި ދޭތެރޭ ލިބުނު ވަގުތު ކޮޅު ކުޑަވެފައި ފްލައިޓްގައި ދެ ދަތުރު ކުރުމާއި އަދި ދެ ފަހަރެއްގެ މަތިން ހޮޓާ ބަދަލު ކުރަން ޖެހުން ހިމެނޭތީ ކުޅުންތެރިންނަށް ރެސްތް ކުރާނެ އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
މިބަދަލުތަކާއެކު ކިރިޔާވެސް މައްސަލައެއްގެ ގޮތުގައި ސޮލްބަކެން ފާހަގަ ކުރީ އާލިންގ ހާލަންޑް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިންގެ ކުޅުން ބަލާލުމަށް ދަނޑަށް ވަތް ސަޕޯޓަރުންނަށް އެކުޅުންތެރިން ކުޅޭތަން ނުފެނުން ކަމަށެވެ.
ސޮލްބެކަން ބުނީ 32 ޓީމުގެ ބުރުގައި އެޓީމު ބައްދަލުކުރަންޖެހޭ ކޯޓެޑިއުއަރ ޓީމަކީ ފާހަގަ ކޮށްލެވޭ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް ނޯވޭއިންވެސް ހުރިހާ ކުޅުންތެރިން ހަމައަށް ތިބޭއިރު ރަނގަޅު ޓީމެއް އޮންނާނެ ކަމަށާއި ދެން ވާގޮތް ދެތިން ދުވުހުގެ ތެރޭގައި ފެނިގެންދާނެކަމަށެވެ. އަދި ފަރަންސޭސި މެޗަށް މިގެނައި ބަދަލު ތަކާއެކު ނޯވޭގެ މުހިންމު ގިނަ ކުޅުންތެރިންނަށް އެއް ދުވަސް ރެސްޓް ކުރަން ލިބިގެން ދިއުން މުހިންމު ކަމަށެވެ.
ނޯވޭ އާއި ކޯޓެޑިއުއަރ ބައްދަލުކުރާ ދެވަނަ ބުރުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ޑެލަސް ގައެވެ.