ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓިއުނީޝިޔާއާ ދެކޮޅަށް ނުކުންނައިރު ނެދަލޭންޑްސް ޓީމުން ފޯވަޑް ބްރަޔަން ބްރޯބީ އަށް ފުރަތަމަ ޔަގީން ނޫން ކަމަށް ކޮޗު ރޮނަލްޑް ކޫމަން ބުނެފި އެވެ.
އޭނާ އަދިވެސް ނިންމައިގެން ހުރީ ފޯވަޑް މެމްފިސް ޑެޕާއީ ފިޓްވެއްޖެނަމަ މި މެޗުގައި އޭނާ ކުޅެން ނެރުމަށެވެ. ނަމަވެސް ބްރޯބީ ވަނީ ސްވިޑްންއާ ދެކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ކޯޑީ ގަޕޯ އާއި ސުމާވިލް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ދެ ގޯލު ޖަހައިފަ އެވެ. މިހެންވެ ކޫމަން އަށް މިހާރު އެންމެ ބޮޑަށް އުނދަގޫވެފައިވަނީ ވެސް ފޯވަޑް ލައިން އަތުރާލުމަށެވެ.
"އަހަރުމެން ޓީމުގައި ތަފާތު ވައްތަރުގެ ފޯވަޑުން ތިބުމަކީ އެޑްވާންޓޭޖެއް. ބްރޯބީ އަކީ ވެސް މޮޅު ކުޅުންތެރިއެއް. މަލެން އާއި ގަޕޯ ވެސް ގޯލު ޖަހާ. އަދި ޑެޕާއީ އަކީ ވެސް ގޯލާ ރައްޓެހި ކުޅުންތެރިއެއް. އަހަރެން މި ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތުދޭން ބޭނުން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ޑެޕާއީ ފިޓްވެއްޖެނަމަ މުބާރާތުގެ ކުރިއަށްހުރި މެޗުތަކުގައި އޭނާގެ ބޭނުން ހިފުމަށް ވަރަށް ބޮޑަށް ވިސްނަމުންދާ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ނެދަލޭންޑްސް އަށް ޕްރެޝަރެއް ނެތެވެ. ދެ މެޗުން ހަތަރު ޕޮއިންޓާއެކު ނެދަލޭންޑްސް އޮތީ ޓޭބަލުގެ ކުރީގަ އެވެ. ޖަޕާނަށް ހަތްރު ޕޮއިންޓް އަދި ސްވިޑްން އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
"އަހަރުމެން ބޭނުންވަނީ ފުރިހަމަ ރެކޯޑަކާއެކު ދެ ވަނަ ބުރަށް ދާން. މިހެންވެ މި މެޗު ވަރަށް ސީރިއަސްވާނެ،" ކޯޗު ބުންޏެވެ.