ދިވެހި އިންވެސްޓްމެންޓް ނަފާ ފަންޑުން، ދިނަފް-36 ކާމިޔާބުކަމާއިއެކު ނިންމާލާ، 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއިއެކު ދިނަފް-48 ތަޢާރަފްކޮށްފިއެވެ.
ދިނަފް-48 ތަޢާރަފްކުރީ، ދިނަފުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިނަފްއަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގައި ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެކެވެ. މިއަދުން ފެށިގެން މި ފަންޑުގައި ބައިވެރިވެވޭނެއެވެ.
ދިނަފް-48ގައި އިންވެސްޓްކުރުމުގެ ފުރުސަތު ދެނީ، ސީއެމްޑީއޭގެ އުސޫލަށް ފެތޭ މިންގަނޑަށް ބަލައިގެންނެވެ. އިންވެސްޓްކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އަމިއްލަ ފަރުދެއްކަމުގައި ވާނަމަ އަހަރަކު މަދުވެގެން 1 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނަމައެވެ. އަދި ކުންފުނިތަކާއި އިންސްޓިޓިއުޝަންތަކުން އިންވެސްޓް ކުރާނަމަ އަހަރަކު މަދުވެގެން 5 މިލިއަން އާމްދަނީގެ ގޮތުގައި ލިބެންޖެހެއެވެ.
ދިނަފް-48ގައި އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނީ، 50،000 ރުފިޔާއެވެ. ޝައުޤުވެރިކަން ހުރި ފަރާތްތަކުން [email protected] އަދި [email protected]. މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.
އަލަށް ތަޢާރަފުކުރި އިންވެސްޓްމެންޓް ފުރުސަތުތަކުގެ ދަށުން އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ:
ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާޙިދު ތައުފީޤު ވަނީ، މިފަންޑުގެ ބައެއް ތަފްސީލުތަކަށް އަލިއަޅުވާލައްވާފައެވެ. ދިނަފް މެދުވެރިކޮށް އިންވެސްޓަރުންނާއި، އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކާއި ދެމެދު އިތުބާރުހިފޭ ނިޒާމެއް ޤާއިމްކޮށްދެވޭކަން ފާހަގަކުރައްވާ އޭނާ ވަނީ އެ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ކެޕިޓަލް މާކެޓުގައި ވިޔަފާރިއާއި އިންވެސްޓަރުންނަށް އަދިވެސް ވަރަށް ގިނަ ފުރުސަތުތައް ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" ވަކިވަކި ފަރުދުންގެ ތެރެއިން އިންވެސްޓްމެންޓް ކުރާ ފަރާތްތަކަށްވެސް ފުޅާ މާކެޓެއްގައި ބައިވެރިވުމުގެ ފުރުސަތު އެބަ ލިބޭ. މި ވިސްނުމާއިއެކު މިދިޔަ އޮކްޓޯބަރ މަހު ލޯންޗުކުރި ފަންޑު ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔައީ." އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ތަފާތު ގޮތަކަށް އިންވެސްޓުމެންޓް ފަންޑުތަކެއް އެކުލަވާލުމުގެ ވިސްނުން ދިނަފްގެ ހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
20 މިލިއަން ރުފިޔާގެ ޓާގެޓަކާއިއެކު ކުރިއަށް ގެންދިޔަ ދިނަފް-36 ކާމިޔާބު ކަމާއިއެކު ނިންމާލެވުމަކީ، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ލިބުނު ފަހި ފުރުސަތެއް ކަމަށް ދިނަފްއިން ފާހަގަކުރެއެވެ. އަދި މިއަދު ފެށި ދިނަފް-48 އާއި މެދު ކުރާ އުއްމީދު ބޮޑު ކަމަށްވެސް ދިނަފްއިން ބުނެފައިވެއެވެ.