ޚަބަރު

ޕީޕީއެމް ހިންގެވުން ޔާމީންއާ ޙަވާލުކުރުމަށް އަމުރުކުރުން


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ  އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ހަވާލުކުރެއްވުމަށް ސިވިލްކޯޓުން އަމުރުކުރައްވައިފިއެވެ.ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިންމައި މިއަދު އިއްވެވި ޙުކުމުގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކައުންސިލުން އެޕާޓީ ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން އެޕާޓީ ހިންގުމާ ހަވާލުވެ، ހިންގުމާއި ބެހޭ އެންމެހާ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީންކަމަށެވެ.އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެވުމަށް، ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން މައްޗަށް އަމުރުކުރައްވާކަމަށްވެސް ސިވިލްކޯޓްގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެކުލަވާލައްވާފައިވާ، އެޕާޓީގެ މަޝްވަރާ މަޖިލީހަކީ ޕީޕީއެމްގެ ކައުންސިލްގެ ލަފަޔާ އެކު އެކުލަވާލަންޖެހޭ މަޖިލީހެއްކަމަށް އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެމަޖިލިސް އެކުލަވާލުމުގައި ރައީސް މައުމޫން، ޕާޓީގެ ކައުންސިލްގެ މަޝްވަރާ ހޯއްދަވާފައިނުވާތީ ޕީޕީއެމްގެ މަޝްވަރާ މަޖިލީހަކީ ބާޠިލު މަޖިލީހެއްކަމަށްވެސް ސިވިލް ކޯޓުން މިއަދު ވަނީ ކަނޑައަޅުއްވާފައެވެ.އަދި ޕީޕީއެމްގެ އަސާސީ ޤަވައިދާއި ހިންގާ ޤަވައިދާ އެއްގޮތްވާ ގޮތުގެމަތިން ޕާޓީ ކުރިޔަށް ގެންދިޔުމަށް ޕީޕީއެމްގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވަމުން އައިސްފައިވާކަމަށާ، މި ހާލަތަކީ ޕީޕީއެމްގެ ރައީސަކު އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނެތް ހާލަތާއި އެއްފަދަ ހާލަތެއްކަމަށްވެސް ސިވިލްކޯޓްގެ ޙުކުމުގައި ބަޔާންކުރައްވާފައިވެއެވެ.އަދި ސިޔާސީ ޕާޓީއެއްގެ ޙައިޞިއްޔަތުން ޕީޕީއެމް، ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި ހަރަކާތްތެރިވުމަށް އެ ޕާޓީގެ ރައީސް މައުމޫން ހުރަސް އަޅުއްވާފައިވާކަމަށްވެސް ސިވިލް ކޯޓްގެ ޙުކުމްގައި ބަޔާންކުރައްވާފައިވެއެވެ.ސިވިލް ކޯޓްގެ މި ނިންމެވުން ހައިކޯޓްގައި އިސްތިއުނާފްކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫންގެ ފަރާތުން ނިންމަވާފައިވާކަމަށް އެޕާޓީން ބުނެއެވެ.