ކުޅިވަރު

ރާއްޖޭގެ ކުރީގެ ގައުމީ ކޯޗު: ޓީމެއްގެ ގޮތުގައި ކުޅެ ސަލާހް ހުއްޓުވިދާނެ


ޓީމެއްގެ ގޮތުގައި ނިއުޒީލޭންޑް ކުޅެފިނަމަ މިއުރުގެ ފޯވަޑް މުހައްމަދު ސަލާހް ހުއްޓުވިދާނެ ކަމަށް ރާއްޖޭގެ ކުރީގެ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ބުނެފި އެވެ.

ނިއުޒީލޭންޑާއި މިސުރު މިއަދު ހެނދުނު ކުޅޭ މެޗާ ވެހޭ ގޮތުން ވާހަކަ ދައްކަމުން ހާބަޓް ބުނީ ސަލާހް ހުއްޓުވަން މާގިނަ ކުޅުންތެރިން އޭނާ ވަށާލައިފިނަމަ ގޯސްވާނެ ކަމަށެވެ.

"އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް. އެހެންވީމާ އޭނާ އަށް އިހްތިރާމް ދޭން ވާނެ. އަހަރުމެން މި މެޗުގައި ކުޅެން ޖެހޭނީ ޓީމެއްގެ ގޮތުގައި. އޭނާ އަކީ ތަފާތު މޮޅު ކުޅުންތެރިއަކަށް ވުމުން ނިއުޒީލޭންޑް ޖެހޭނީ އޭނާގެ ފަހަތުން މާގިނަ ކުޅުތެރިން ދިޔަ ނުދިނުމަކަށް. އޭރުން އޭނާ އަށް އެޑްވާންޓޭޖް ލިބޭނެ. މެޗުން އޭނާ ގެއްލުވާލެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން،" 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނިއުޒީލޭންޑްގެ ކޯޗިން ޓީމުގައި ވެސް ހިމެނުނު ހާބަޓް ބުންޏެވެ.

އޭނާ ބުނީ ސަލާހް މާކް ކުރަން ހަދައިގެން ދަނޑުގެ އެހެން ހިސާބުތައް ހުސްކޮށް ބާއްވައިގެން ފަރު ނުޖެހޭނެ ކަމަށެވެ.

"މިއުރުގެ ފޯވަޑުންނަށް ބަލާއިރު ސަލާހާއި އޮމަރް މަރްމޫޝް ހަގީގަތުގައި ވެސް ނިއުޒީލޭންޑްގެ ޑިފެންސަށް ރަނގަޅު ޓެސްޓެއް ދޭނެ. ދެން އަހަރެން ގަބޫލު ކުރަނީ މި ގްރޫޕުގައި އިރާނަށް ވުރެ ރަނގަޅު ވާދައެއް ނިއުޒީލޭންޑުން މިސުރަށް ދޭނެ ކަމަށް،" 2015 ވަނަ އަހަރު ރާއްޖޭގެ ގައުމީ ކޯޗުކަން ކުރި ހާބަޓް ބުންޏެވެ.

"މި މެޗު ވާނީ ވަރަށް ރަނގަޅު ފުރުސަތަކަށް ނިޒުޒީލޭންޑް ދުނިޔެ އަށް ތައާޔަފް ވުމަށް. މި މެޗުން އަހަރުމެންނަށް ތިން ޕޮއިންޓް ހޯދިއްޖެނަމަ އެ މަގްސަދު ހާސިލްވާނެ،" އޭނާ ބުންޏެވެ.

ހާބަޓްގެ ކޯޗުކަމުގައި ނިއުޒީލޭންޑުން ކުރިއެރުން ތަކެއް ހޯދި އެވެ. ނަމަވެސް މިރޭގެ މެޗުގައި އޭނާ އިންނާނީ ސަޕޯޓަރެއްގެ ގޮތުގަ އެވެ.