ބިސްބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވެ، އަންނަ ސީޒަންގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ހުރާއަށް ފުރުސަތު ގެއްލިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުން ހުރާ ބަލިވެފައިވަނީ 3-6 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ހުރާއިން ލީޑު ނަގާ، މޮޅުވުމުގެ އުންމީދެއް ހޯދާފައިވެސް ވެއެވެ. ނަމަވެސް، މެޗުގެ 36 ވަނަ މިނެޓުގައި ބިސްބުރުގެ މަޙްމޫދު އަޝްރަފް، އެޓީމަށް ލިބުނު ހިލޭޖެހުމެއް ސީދާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ އެއްވަރުކުރި ހިސާބުން ފެށިގެން މުޅި މެޗު، ބިސްބުރުގެ ކޮޅަށް އެނބުރުނެވެ.
ބިސްބުރުގެ 4 ވަނަ ލަނޑު، މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޢާމިރު ޝުޢައިބެވެ. މިއީ ހުރާއިން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ދިފާއުކޮށްފަ ބިސްބުރު ކުޅުންތެރިން ސާފުކޮށްލި ބޯޅައެއް ލިބިގަނެގެން ގޮސް، ކީޕަރު ބޯމަތިން ގޯލުތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި ހުރާއަށް ގޯލެއް ޖެހިފައިނުވި ނަމަވެސް އެޓީމުން ބިސްބުރުގެ ގޯލަށް ނުރައްކާކޮށް، ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ބިސްބުރަށް އެޓީމުގެ 5 ވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ މަޙްމޫދު އަޝްރަފެވެ. މިއީ، ޢާމިރު ޝުޢައިބު ކައިރީގައި ހުރާގެ ދެ ކުޅުންތެރިން މަސައްކަތްކުރަނިކޮށް އޭނާ އޭރިއާ ތެރެއަށް ލައިދިން ބޯޅައަކުން މަޙްމޫދު ކާމިޔާބުކުރި ގޯލެކެވެ.
ބިސްބުރުގެ ފަހު ގޯލުވެސް ކާމިޔާބުކޮށްދިނީ މަޙްމޫދު އަޝްރަފެވެ. މިއީ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު މެޗުގެ 90 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު، ހުރާ ކުޅުނު 4 މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން އެޓީމަށް މިވަނީ އަންނަ ސީޒަނުގެ ޕްރެމިއަރ ލީގަށް ކޮލިފައި ވުމުގެ ދޮރު ބަންދުވެފައެވެ.
އަނެއްކޮޅުން، ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު ބިސްބުރު މިވަނީ އަންނަ ސީޒަންގެ ޕްރެމިއަރ ލީގުން ޖާގައެއް ހޯދާފައެވެ. އެޓީމު ކޮލިފިކޭޝަން ބުރަށް އައިސްފައިވަނީ މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.