ކުޅިވަރު

ކުޅުންތެރިއަކަށް ނުދީ ޖާޒީ ދޭން ބޭނުންވަނީ ދާރުލް އާސާރަށް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާ ބޭނުން ކުރި ޖާޒީ ސްޕޭން ކުޅުންތެރިއަކަށް ނުދީ ބޭނުންވީ އަމިއްލަ ފައުމުގެ ދާރުލް އާސާރަށް ހަދިޔާ ކުރަން ކަމަށް ކާބޯ ވޭޑޭގެ ޑިފެންޑަރު ރޮބާޓޯ ލޮޕޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕޭނާ ވާދަކޮށް 0-0އިން އެއްވަރުކުރި މެޗަށް ފަހު ހިޔާލު ބަދަލުވި ގޮތް ކިޔައިދެމުންނެވެ. އާއްމުކޮށް ކުޅުންތެރިން މެޗު ނިމުމުން އިދިކޮޅު ކޮންމެވެސް ކުޅުންތެރިއެއްގެ ޖާޒީ އަތުލުމަކީ ކުރާ ކަމެކެވެ. ނަމަވެސް ކާބޯ ވޭޑޭގެ ބައެއް ކުޅުންތެރިން ތަފާތެވެ.

"އަހަރެން ފުރަތަމަ އުޅުނީ ސްޕޭނުގެ ފޯވަޑް އޮޔަޒަބަލްއާ ޖާޒީ ބަދަލު ކުރަން. އަހަރެން އޭނާއާ ގާތަށް ދަނިކޮށް އަހަރެންގެ ޑިފެންސްގެ އެއް ބައިވެރިއަކު ގޮސް އެ ޖާޒީ އަތުލި. އެ ހިސާބުން އަހަރެން ނިންމީ މި މުބާރާތުގައި އަމިއްލަ އަށް އެއް ކަމެއް ބަދަލު ކުރާނަމޭ. އެއީ އެއްވެސް ކުޅުންތެރިއަކާ ޖާޒީ ބަދަލު ނުކުރަން ނިންމުން،" ލޮޕޭޒް ބުންޏެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ބުނީ މި ގޮތަށް ނިންމަން ޖެހުނީ މިއީ އޭނާގެ ގައުމުގެ ތާރީހުގައި ވެސް ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވުމުން ކަމަށެވެ.

"އަހަރެން ހިތަށް އެއީ ކުޅުންތެރިއަކަށް ދިނުމުގެ ބަދަލުގައި އަހަރެންގެ ޖާޒީ އޮންނަންވާނީ އަހަރުމެންގެ ގައުމުގައޭ. ދާރުލް އާސާރުގައޭ. މިއީ ތާރީހީ ޖާޒީއެކޭ. މިހެންވެ އެއްވެސް މީހަކަށް ޖާޒީ ނުދޭން ނިންމައިފިން،" ލޮޕޭޒް ބުންޏެވެ.

މުބާރާތުގައި ކުޅެ ދެ ވަނަ މެޗުގައި މިރޭ ކާބޯ ވޭޑޭ ބައްދަލު ކުރާނީ އުރުގުއޭއާ އެވެ. ކާބޯ ވޭޑޭގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި މި މެޗު ސްޕޭން މެޗަށް ވުރެ އުނދަގޫވާނެ އެވެ.

"ސަބަބަކީ އަހަރުމެން ސްޕޭނާ ދެކޮޅަށް ނެރުނު ނަތީޖާ. އެއ ނަތީޖާއާއެކު އަހަރުމެން ހަދާނެ ގޮތް އެންމެނަށް ވެސް މިހާރު އެނގޭ ކަހަލަ. އެހެންވީމާ އަހަރުމެން ގޭމް ޕްލޭން ބަދަލު ކުރަން ވެސް ޖެހިދާނެ. މި މެޗަށް ނުކުތުމުގެ ކުރިން އުރުގުއޭ ޓީމުން ބުނީ މިއީ މޮޅުވާން މަޖުބޫރު މެޗެއް ކަމަށެވެ.

އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ މި މެޗުގެ ކުރިން ބުނީ ވޯލްޑް ކަޕުގައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރު ކޮށްގެން ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވުމުން މޮޅުވެވިދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.