ޚަބަރު

ފަލަސްޠީނާއި ލުބުނާނުގެ ރައްޔިތުން ގެދޮރުން ބޭރުކުރާތީ ކަންބޮޑުވުން


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ ސިލްވާންގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް، އެ މީހުންގެ ގެދޮރުން ގަދަ ކަމުން ނެރޭ މިންވަރު އިތުރުކުރަމުންދާ ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

އެ ޖަމްޢިއްޔާއިން ބުނީ އިސްތިޢުމާރުކޮށްފައިވާ ސަރަހައްދެއްގައި ނުވަތަ އެ ސަރަހައްދުގެ ބޭރުގައި ދިރިއުޅޭ ބަޔަކު އާބާދީގެ ހިމާޔަތް ކުރުމަށްޓަކައި ނުވަތަ ކޮންމެހެން ލާޒިމް އަސްކަރީ ސަބަބުތަކަށްޓަަކައި މެނުވީ އެހެން ސަރަޙައްދަކަށް ބަދަލުކުރުން ނުވަތަ ގަދަކަމުން ބޭރުކޮށްލުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމެކެވެ. އަދި އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޤުދުސްގެ އަލްމަދީނަތުލް ޤަދީމާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުން ބޭރުކޮށް، އެ ސަރަޙައްދުގައި ޔަހޫދީން އާބާދު ކުރުމަށް ޔަހޫދީ ދައުލަތަކުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށް ހިޔުމަން ރައިޓްސް ވޮޗްގެ ފަރާތުން ސާރާ ސަންބަރ ވަނީ ވިދާޅުވެފައެވެ. އެ ފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ޔަހޫދީންނަށް ހިތްވަރު ލިބެނީ އެ މީހުންގެ ޢަމަލުތަކަށް ޖަވާބުދާރީވާން ނުެޖެހޭތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިލްވާންއަކީ މަދީނަތުލް ޤަދީމާގެ ދެކުނުގައި އޮންނަ، 12 އަަވަށުގެ މައްޗަށް އެކުލެވިގެންވާ ސަހަރެކެވެ. އެ އަވަށްތަކުގެ ތެރެއިން އަލް-ބުސްތާންއާއި ބަތަން އަލް-ޙަވާއާ ދެ އަވަށަކީ އެތައް ޒަމާނެެއް ވަންދެން އެ ސަރަޙައްދަކުން ފަލަސްޠީނުގެ ރައްޔިތުން ބޭރުކޮށްލުމަށް ޔަހޫދީން މަސައްކަތްކުރަމުންދާ ދެ އަވަށެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ޙަމަލާދޭން ފެށި ފަހުން ޔަހޫދީންގެ މި ޢަމަލުތައް ވަނީ އިތުރުކޮށްފައެވެ. އަދި މި ފަހުން މެދުއިރުމަތީގެ ހަނގުރާމައިގެ ނިވަލުގައި ތިބެ ވެސް ޔަހޫދީން ވަނީ އެ މަސައްކަތް އިތުރަށް ފުޅާކޮށްފައެވެ.

އދގެ އިންސާނީ މަސައްކަތްތަކާ ބެހޭ އިދާރާ، އޯސީއެޗްއޭއިން ބުނީ 2023ވަނަ އަހަރުގެެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިރުމަތީ ޤުދުސްގައި 587 މީހުންގެ ގެދޮރު ސުންނާފަތިކޮށްލައި ރައްޔިތުން މަގުމަތިކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންގެ ގެދޮރު ގެއްލިފައި ވަނީ މެދުއިރުމަތީ ހަނގުރާަމަ ކުރިއަށް ދަމުން ދަނިކޮށް، މި އަހަރުގެ މާރިޗު މަހާއި އޭޕްރިލް މަހުގެ ތެރޭގައެވެ.

ސިލްވާންގައި ދިރިއުޅޭ ފަލަސްޠީނުގެ 2،000އެއްހާ ރައްޔިތުންގެ ގެދޮރު ގެއްލުމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، ޔަހޫދީން އެ ކަން ޙާޞިލް ކުރުން ނުހުއްޓުވިއްޖެ ނަމަ، އެ މަސައްކަތް ވެގެން ދާނީ 1967ވަނަ އަހަރަށްފަހު އެންމެ ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރަައްޔިތުން އިރުމަތީ ޤުދުސްއިން ބޭރުކޮށްލާ ފަހަރަށެވެ.

ފަލަސްޠީނުގެ އިތުރުން ލުބުނާނުގައި ވެސް ޔަހޫދީން ދަނީ މި ފަދަ ޖަރީމާތައް ހިންގަމުންނެވެ. އެ ގޮތުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ވަނީ ލުބުނާނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް ޔަހޫދީ އަސްކަރިއްޔާއިން މަޖުބޫރު ކުރަމުންދާ ދިޔުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަދި ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ފާހަގަކޮށްފައެވެ. އެނގިފައިވާ ގޮތުގައި ލުބުނާނުގައި ވެސް އެ ޤައުމުގެ ރައްޔިތުން ގެދޮރުން ބޭރުކުރުމުގެ މަސައްކަތް ޔަހޫދީން ވަނީ ފުޅާކޮށްފައެވެ.