ދުނިޔެ

އދ. ގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޕޯޗްގަލްގެ ކުރީގެ ބޮޑުވަޒީރު


އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ޢައްޔަން ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ރުހުން ދީފައިވާ އެންޓޯނިޔޯ ގުޓޭރަސް އެމަޤާމަށް އައްޔަންކޮށްފިއެވެ. ގުޓޭރަސް މިމަޤާމަށް އައްޔަންކުރީ 193 މެންބަރުން ހިމެނޭ އދ. ގެ ޖެނެރަލް އެސެމްބްލީގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާގުންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އަލަށް ޢައްޔަން ކުރި އެންޓޯނިޔޯ ގުޓޭރަސްއަކީ އދ. ގެ 70 އަހަރުވީ ތާރީޚުގައި އެ މަޤާމަށް އައްޔަން ކުރި 10 ވަނަ ޝަޚްސިއްޔަތެވެ. މިހަތާނަށް 9 ބޭފުޅަކު އދ. ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައިވެއެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމާގުޅިގެން ދުނިޔޭގެ އަމްނާއި ސުލްޙަ ގާއިމްކޮށް ދުނިޔެ އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 1945 ގައި އުފެއްދި އދ. މަޖިލީހުގެ އެންމެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ގްލަޑްވިން ޖެންއެވެ. ޖެން އެމަޤާމުގައި ހުންނެވީ 1 އަހަރުއެވެ. އެއަށްފަހު 2 ވަނައަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު އަދާކުރެއްވީ ނޯވޭގެ ބޭފުޅެއް ކަމަށްވާ ޓްރައިގްވް ލީއެވެ. 3 ވަނައަށް އެ މަޤާމު އަދާކުރައްވާފައިވަނީ ސްވިޑްންގެ ރައްޔިތެއް ކަމަށްވާ ޑެގް ހެމާޝޯލްޑެވެ. އޭނާއަށްފަހު އދ. ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައިވަނީ ބަރުމާގެ ޑިޕްލޮމޭޓެއް ކަމަށްވާ ޔޫ ތަންޓެވެ. އދ. ގެ 5 ވަނަ ސެކްރެޓަރީ ޖެނެރަލް އަކީ އޮސްޓްރިޔާގެ ރައްޔިތެއް ކަމަށްވާ ކޯޓް ވޯލްޑްހެއިމެވެ. ވޯލްޑްހެއިމަށްފަހު އެމަޤާމު އަދާކުރެއްވީ ޕެރޫގެ ރައްޔިތެއް ކަމަށްވާ ހަވިއެޒް ޕެރޭޒް ޑިކުލަރއެވެ. އދ. ގެ 7 ވަނަ ސެކްރެޓަރީ ޖެނެރަލް އަކީ މިޞްރުގެ ކުރީގެ އިސް މަސްޢޫލުވެރިއެއް ކަމަށްވާ ބުތްރުސް ބުތްރުސް ޣާލީއެވެ. ޣާލީ އަށްފަހު އެމަޤާމު އަދާކުރައްވާފައިވަނީ ގާނާގެ ޑިޕްލޮމޭޓެއް ކަމަށްވާ ކޯފީ އަނާނެވެ. އަނާން ގެ ދެދައުރަށްފަހު 2007 ވަނަ އަހަރުން ފެށިގެން އދ. ގެ 9 ވަނަ ސެކްރެޓަރީ ޖެނެރަލް އެއްގެ ގޮތުން އެމަޤާމު އަދާކުރައްވަމުން ގެންދަވަނީ މިހާރުގެ ސެކެރެޓަރީ ޖެނެރަލް ބާންކީ މޫނެވެ. ބާންކީ މޫނަކީ ދެކުނުކޮރެޔާގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ. އޭނާގެ 2 ވަނަ ދައުރު ހަމަވާނީ އަންނަ ޑިސެމްބަރު މަހުގެ 31 ގައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް މި އޮކްޓޯބަރު މަހުގެ މަހުގެ 13 ވަނަ ދުވަހު ޢައްޔަން ކުރެއްވި އެންޓޯނިޔޯ ގުޓޭރަސް އެމަޤާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ޑިސެމްބަރު މަހުގެ 31 ގައެވެ. ޕޯޗްގަލްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ އެންޓޯނިޔޯ ގުޓޭރަސްއަކީ 2005 ވަނަ އަހަރުން ފެށިގެން އެތަށް އަހަރެއް ވަންދެން ދުނިޔޭގެ ރެފިއުޖީންގެ ކަންތައްތަކާބެހޭ އދ. ގެ ހައިކޮމިޝަނަރު ކަމުގެ މަޤާމު އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އައު ބޭފުޅަކު ހަމަޖެއްސުމަށްޓަކައި އެކަމަށް އެދި ހުށަހެޅުމަށް އެޖަމްއިއްޔާގެ ސެކްރެޓޭރިއަޓުން އިޢުލާނު ކުރުމުން، 13 ޤައުމެއްގެ 13 ބޭފުޅަކު ނަން ހުށަހަޅުއްވާފައިވެއެވެ. މީގެތެރޭގައި 7 އަންހެން ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އެދި ގުޓޭރަސް އޭނާގެ ނަން ހުށަހަޅުއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މިދިޔަ މަހު ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ އެންމެ ގިނަ މެންބަރުންގެ ތާޢީދު ލިބިވަޑައިގެންނެވީ ގުޓޭރަސް އަށެވެ. މިއާއެކު ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯ ކުރުމުގެ ބާރުލިބޭ 5 ޤައުމުން ކުރެ ޤައުމެއް ގުޓޭރަސްއާ ދެކޮޅަށް ވީޓޯ ކުރޭތޯ ބެލުމަށްޓަކައި މިމަހުގެ ކުރީކޮޅު ބޭއްވި ސަލާމަތީ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ގްޓޭރަސްއާ ދެކޮޅަށް އެއްވެސް ޤައުމަކުން ވީޓޯކޮށްފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި އެހެން ޖަލްސާއެއްގައި ސަލާމަތީ މަޖިލީހުން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ގުޓޭރަސް އައްޔަން ކުރުމަށް ރަސްމީ ސިފައެއްގައި ރުހުންދީ އޭނާގެ ނަންފުޅު އެންޑޯޒް ކޮށްފައެވެ. ގުޓޭރަސް އެމަޤާމަށް އައްޔަން ކުރުމަށްޓަކައި އޭނާގެ ޤައުމު ކަމަށްވާ ޕޯޗްގަލްގެ ސަރުކާރުންނާއި ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުން ބާރުއަޅައި ޑިޕްލޮމެޓިކް ގޮތުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެއެވެ.