ސްޕެނިޝް ލަލީގާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމަށްވާ ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހޯޒޭ މޮރީނިއޯ މިފަހަރު ހަވާލުވިފަހުން އެޓީމަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔަކަށް ސްޕެއިންގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ މާކް ކުކުރޭޔާ ވެގެން ހިނގައްޖެއެވެ.
އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅެމުންދިޔަ ކުކުރޭޔާ ރެއާލް އާއި ގުޅިފައިވަނީ 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ. ނަމަވެސް މިއެއްބަސްވުމާއި ގުޅޭ މާލީ އެއްވެސް ކަމެއް ރެއާލްއިން ހާމަކޮށްފައެއް ނުވެއެވެ.
އިނގިރޭސި މީޑިއާތަކުން ހާމަކުރާގޮތުގައި މިއެއްބަސްވުމުގެ އަގު 51.8 މިލިއަން ޕައުންޑަށް އަރައެވެ. ރެއާލްއިން އާންމުކުރި ބަޔާނުގައި އެކްލަބުން ވަނީ 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުކުރޭޔާ އެޓީމަށް ގެންދިއުމާއި ގުޅޭގޮތުން ޗެލްސީ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށްފައެވެ.
ރެއާލް އިން މިދިޔަ ސީޒަން ނިންމާލާފައިވަނީ ވަރަށް ނާކާމިޔާބު ސީސަނެއްގެ ގޮތުގައެވެ. މިގޮތުން ލަލީގާގެ ތަށި އެންމެ ވާދަވެރި އެފްސީ ބާސެލޯނާއިން ކާމިޔާބު ކޮށްފައިވާއިރު ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުންވެސްވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ.
ރެއާލްގެ ރައީސް ކަމުގެ މަގާމު އިތުރު 4 އަހަރަށް ދާދިފަހުން ކަށަވަރުކުރި ފްލޮރެންޓީނޯ ޕެރޭޒް ވަނީ ރެއާލްގެ ދިފާއު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރާނެކަން އޭނާގެ އިންތިހާބީ ކެމްޕެއިންގައި ވައުދުވެފައެވެ. ކުކުރޭޔާ ޗެލްސީ އާއި ގުޅިފައިވަނީ ޕްރިމިއަރ ލީގުގެ ކްލަބެއް ކަމަށްވާ ބްރައިޓަން އެންޑް ހޯވް އެލްބިއަން އިން 2022 ވަނަ އަހަރު 63 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މިހާތަނަށް އެކްލަބަށް 163 މެޗު ކުޅެދިނުމުގެ އިތުރުން އެޓީމަށް ޔުއޭފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
މީގެއިތުރުން އޭނާވެފައިވަނީ ސްޕެއިން ޤައުމީ ޓީމުންވެސް ގަވައިދުން ޖާގަ ހޯދާ ކުޅުންތެރިންގެ ތެރޭގަައެވެ. މިގޮތުން މިހާތަނަށް 23 މެޗު ޤައުމީ ޓީމަށް ކުޅެދީފައިވާއިރު މިފަހަރުގެ ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ ސްޕެއިން ޓީމުގައި ހިމެނިފައެވެ.
ކުކުރޭޔާ މިއަހަރުގެ މާރޗް މަހު ވަނީ ޗެލްސީއިން ޒުވާން ކުޅުންތެރިން ރެކްރޫޓް ކުރުމުގައި ގެންގުޅޭ އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޗެލްސީއިން ނިމިދިޔަ ސީޒަން ނިންމާލީ ޕްރިމިއަރ ލީގުގެ 10 ވަނައިގާ އޮވެގެންނެވެ. އެހެން ކަމުން ކުރިއަށް އޮތް ސީޒަންގައި އެޓީމަށް ޔޫރަޕްގައި ކުޅުމުގެ ފުރުސަތުވެސް ނޯންނާނެއެވެ.