ޕީޕީއެމްގެ ދަފްތަރުން ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ނަން އިލެކްޝަންސް ކޮމިޝަނުން މިއަދު އުނިކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފާރިސްގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކުރެއްވީ އެޕާޓީގެ ކައުންސިލް 20 މެމްބަރުން ސޮއިކޮށް, އެ ކޮމިޝަނަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހުގައި ކަމަށެވެ. އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ފާރިސް މައުމޫނާއި އާއިމިނަތު ނާދިރާ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމުމުންވެސް ޕާޓީގެ ރައީސްގެ ހައްޞިއްޔަތުން ރައީސް މައުމޫން އެކަން ތަންފީޒު ކޮށްދެއްވާފައިނުވާ ކަމަށެވެ.
މި މައްސަލަ ބެއްލެވުމަށްފަހު އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމެވި ނިންމެވުމުގައިވަނީ ފާރިސް މައުމޫނާއި އައިމިނަތު ނާދިރާ ޕާޓީން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމެވި ނިންމެވުން ތަންފީޒު ކޮށްދެއްވުމަށް އެދި ޕީޕީއެމްގެ 20 މެމްބަރުން ކޮމިޝަންގައި އެދިފައިވާތީ ފާރިސް މައުމޫންގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން ތަންފީޒު ކޮށްދެއްވުމަށް ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް މައުމޫންނަށް ދަންނަވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ނިންމެވުމުގައިވެއެވެ.