ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކާބޯ ވޭޑޭއާ ދެކޮޅަށް ސްޕޭން ނުކުންނައިރު އެންމެ ބޮޑު ސުވާލެއް އުފެދިފައިފައިވަނީ ސްޕޭނުގެ އެއްވަނަ ކީޕަރާ މެދުގަ އެވެ.
ކޯޗު ލުއިސް ޑެލަފުއެންޓޭގެ ޓީމުގައި ތިބީ އެއް ފެންވަރެއްގެ ތިން ކީޕަރުންނެވެ. އެތްލެޓިކް ބިލްބާއޯގެ ކީޕަރު އުނާއީ ސިމޮން އަކީ މިހާތަނަށް ގައުމީ ޓީމުގެ އެއްވަނަ ކީޕަރެވެ. 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރީ އޭނާ ގޯލުގައި ހުރެގެންނެވެ. ނަމަވެސް ސުވާލު އުފެދިފައިވަނީ ސްޕެނިޝް ލީގުގައި އޭނާ އަށްވުރެ މާމޮޅަށް ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާ ކުޅެފައިވާތީ އެވެ. ސްޕެނިޝް ލީގުގެ އެއްވަނަ ކީޕަރުކަން ވިދިވިދިގެން ދެ ވަނަ އަހަރަކު ގާސިއޯ ހޯދީ އުނާއީ ސިމޮން ފަހަތަށްލައިފަ އެވެ. ދެން ހުރީ އާސެނަލް އަށް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ކީޕަރު ޑޭވިޑް ރާޔާ އެވެ. އިނގިރޭސި ލީގުގެ އެއްވަނަ ކީޕަރަކީ ވެސް އޭނާ އެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަން ކޯޗު ޑެލަފުއެންޓޭ ނެރުނީ ރާޔާ އެވެ. އޭނާ ބުނީ އެއް ފެންވަރެއްގެ ތިން ކީޕަރުން ތިބުމުން ވާދަވެރިކަން ވަރަށް ބޮޑު ކަމަށެވެ.
"ޓީމުގެ ތެރޭގައި މި ވާދަ އެބައޮތް. އަހަރެން ހަމަ ޔަގީނުން ވެސް އެއްވަނަ ކީޕަރުކަމަށް ވާދަ ކުރާނަން. އަހަރުމެން ތިން މީހުން އެކަކު އަނެކަކަށް ވާދަ ކުރަން. އަދި އަހަރެން ކޯޗަށް އެއްވަނަ ކީޕަރު ނަގަން ޕްރެޝަރު ވެސް ދޭނަން. މި ވާދަވެރިކަން އޮތުމަކީ އަހަރުމެން ޓީމަށް ވެސް ރަނގަޅެއް،" ރާޔާ ބުންޏެވެ.
އޭނާ ބުނީ މީޑިއާއިން ސްޕޭނުގެ އެއްވަނަ ކީޕަރުކަން ކުރާނެ ކުޅުންތެރިއަކަށް ބެހޭ ގޮތުން އުފައްދަނީ ރަނގަޅު ސުވާލުތަކެއް ކަމަށެވެ.
"ގާސިއާ އާއި އުނާއީ ކުޅެނީ ސްޕޭން ލީގުގައި. ބޮޑު ބަހުސެއް އެބައޮތް އެ ދެ މީހުންނާ މެދު. އަހަރެން ކުޅެނީ އެހެން ތަނެއްގައި. އެކަމަކު ސްޕޭނަށް ކުޅުމަކީ އަހަރެންގެ އުއްމީދެއް. އަހަރެން ހަނދާން އެބަހުރި އަހަރެން އެންމެ ފުރަތަމަ ގައުމީ ޓީމަށް ދިޔަ ދުވަހު މީހުން އަހޭ އެއީ ކާކުހޭ ވެސް. އަހަރެން ބޭނުންވަނީ ކޯޗަށް މިކަމުގައި ވަރަށް ބޮޑަށް ދަތިކުރަން،" ރާޔާ ބުންޏެވެ.
2012 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގައި ކުޅެމުން އަންނަ ރާޔާއާ އިނގިރޭސި ގައުމީ ޓީމާ ގުޅުވައި ދައްކާ ވާހަކަ އޭނާ ދޮގުކުރި އެވެ. ބުނީ އަބަދުވެސް ބޭނުންވީ ސްޕޭނަށް ކުޅެން ކަމަށެވެ.
ވޯލްޑް ކަޕުގެ ކުރިން ކޯޗު ޑެލަފުއެންޓޭ ވަނީ މި ތިން ކީޕަރުން ޓެސްޓް ކޮށްފަ އެވެ. އިރާގާއެކު 1-1އިން އެއްވަރުވި މެޗުގައި ކުޅުވީ ގާސިއާ އެވެ. އިރާގު ގޯލު ޖެހީ އޭނާ ހެދި ގޯހަކުންނެވެ. ޕެރޫ އަތުން 3-1އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ކުޅުވީ އުނާއީ ސިމޮން ލައްވަ އެވެ. އަދި ފަހު ހާފުގައި ކުޅުނީ ރާޔާ އެވެ. ކޯޗު ޑެލަފުއެންޓޭގެ އެއްވަނަ ޗޮއިސް އަކީ އަދިވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އުނާއީ ސިމޮން އެވެ. އެކަމަކު އޭނާ މި ވާހަކަ ނުދެއްވި އެވެ.