ކުޅިވަރު

އުރުގުއޭ މީހުންނަށް ކޯޗު ބިއެލްސާ އަކީ "މޮޔަ"އެއް؟


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސައޫދީ އަރަބިއާއާ ދެކޮޅަށް އުގުރުއޭ ނުކުންނައިރު ކުޅުންތެރިންނަށް ވުރެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ކޯޗު މާސެލޯ ބިއެލްސާ އަށެވެ.

އާޖެންޓީނާގެ ކޯޗު މި މުބާރާތަށް ފަހު ކޯޗުކަން ދޫކޮށްލާނެ އެވެ. އުމުރުން 70 އަހަރުގެ ކޯޗު ދެން ބޭނުންވަނީ ބުރަ ދުވަސްތައް މާޒީ އަށް ދޫކޮށް ހަށިގަނޑު އަރާމު ކުރުމަށެވެ. އޭނާ އަށް މީޑިއާތަކުގެ ކަޅި ހުއްޓިފައިވާ މައިގަނޑު ސަބަބަކީ އުރުގުއޭ ޓީމަށް ގެނައި ބަދަލުތަކާއި ސީނިއާ ކުޅުންތެރިންނާ ޖެހިފައި އޮތުމެވެ. ލުއިސް ސުއަރޭޒް ފަދަ ކުޅުންތެރިން ގައުމީ ޓީމުން ދުރަށް ލުމުންނެވެ.

"އަހަރެންނާ ގާތުގައި އުޅުމަކީ މީހުންނަށް އުނދަގޫވާ ކަމެއް. އަހަރެންނަކީ އެހާ ރަހުމަތްތެރި މީހެއް ނޫން. އެއީ ތެދެއް. އެކަމަކު އަހަރެން މަސައްކަތް ކުރަނީ ޓީމަށް ކުރިއެރުން ހޯދައިދޭން،" ބިއެލްސާ ބުންޏެވެ.

މީގެ ކުރިން އޭނާ ކޯޗުކޮށްދިން ޓީމުތަކުގައި ވެސް ސީނިއާ ކުޅުންތެރިންނާ މައްސަލަ ޖެހުމަކީ އާއްމު ކަމެކެވެ. އުރުގުއޭ މީހުން މަޖާޒި ގޮތަކަށް އޭނާ އަކީ މޮޔައެކޭ ބުނަނީ މިހެންވެ އެވެ. އެކަމަކު މިހާތަނަށް ގައުމީ ޓީމު އޭނާ ބަދަލުކުރަމުން އައި ގޮތާމެދު އެ މީހުން ތިބީ ހިތްހަމަ ޖެހިފަ އެވެ. މިރޭގެ މެޗަކީ އޭނާ ބިނާކުރި ޒުވާން ޓީމު ދުނިޔޭގެ ފެންވަރުގައި ޓެސްޓް ކޮށްލަން ލިބޭ ފުރުސަތެކެވެ.

"އަހަރުމެން ކުޅޭ ގޮތް ވަރަށް ސާފު. އަހަރުމެން ވިސްނާނި އިދިކޮޅު ހާފުގައި ބޯޅަ ބޭއްވަން. އެކަމަކު އަހަރުމެންގެ ގޯލު ޖެހުން މިވަނީ ދަށްވެފައި. މިއީ ހަމައެކަނި ފޯވަޑުންގެ މައްސަލައެއްނޫން. މިއީ މުޅި ޓީމުގެ މައްސަލައެއް. އަހަރެން ވާނީ ވަރަށް ގިނަ ވަގުތު މިކަން ހައްލު ކުރާނެ ގޮތެއް ވިސްނަން ހޭދަކޮށްފައި. އަހަރެން ދެކޭ ގޮތުގައި ކުރަންވީ ކަމަކީ މުޅި ޓީމުގެ އުފެއްދުންތެރިކަން އިތުރު ކުރުން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ސައޫދީ އަރަބިއާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރި ގައުމު ކަމަށާއި މިހެންވެ އެ މީހުންނާމެދު ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ.