ހައިޓީ 1-0އިން ބަލިކުރުމުން، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑަށް އޮތް ޕްރެޝަރު ފިލައިފި ކަމަށް ކޯޗު ސްޓީވް ކްލާކް ބުނެފި އެވެ.
މި މޮޅަކީ 1982 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުން ސްކޮޓްލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި 1990ގެ ފަހުން ވޯލްޑް ކަޕުގައި ހޯދި ފުރަތަމަ މޮޅެވެ. މިއާއެކު ގްރޫޕް ސީގެ ކުރީގައި މިވަގުތު ވަނީ ވެސް ސްކޮޓްލެންޑެވެ. އެ ގައުމަށް ދެން ކުޅެން ޖެހޭނީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އާއި އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާ އެވެ.
"ޔަގީނުން ވެސް ބްރެޒިލާއި މޮރޮކޯ މެޗުގެ ކުރިން މިހާރު އަހަރުމެންނަށް ކުރިން އޮތް ޕްރެޝަރެއް ނޯންނާނެ. މި މޮޅަކީ އެ ދެ މެޗަށް ނުކުތުމުގެ ކުރިން ލިބުނު ވަރަށް ބޮދު ހިތްހަމަ ޖެހުމެއް. ކުރިއަށް އޮތް ދެ މެޗަކީ ދުނިޔޭގެ ގަދަ 10ގެ ތެރޭގައި ހިމެނޭ ދެ ޓީމާ ކުޅެން ޖެހޭ މެޗުތަކެއް،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މިއާއެކު ބްރެޒިލް އާއި މޮރޮކޯއާ ދެކޮޅަށް ސްކޮޓްލެންޑަށް ހަމެޖެހިގެން މާރަނގަޅު މެޗެއް ކުޅެވިދާނެ ކަމަށެވެ.
"ސްކޮޓްލަންޑް ކަހަލް ގައުމެއް ވޯލްޑް ކަޕް ކުޅުމަކީ ވެސް ކިހާ އުނދަގޫ ކަމެއްކަން އަހަރެން ބުނެލަން ބޭނުން. މިއީ އަބަދުވާނެ ކަމެއް ނޫން. މި މެޗަކީ މޮޅުވާން މަޖުބޫރު މެޗެކޭ ބުނެފައި މޮޅުވީމަ ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް. އެމީހުން މިހާރު އެތިބީ އިތުރު މޮޅަކަށް ބޭނުންވެފައި. ބައެއް ފަހަރު އަހަރެން އަމިއްލަ ނަފްސް މާބޮޑަށް ޕްރެޝަރަށް ވައްޓާލަން. އެކަމަކު ބައެއް ފަހަރު ޝުކުރު ކުރަންވާނެ ލިބިފައިވާ ހުނަރަށް، ތިބި ކުޅުންތެރިންނާއި މުޅި ޓީމަށް،" ކްލާކް ބުންޏެވެ.
އުމުރުން 62 އަހަރުގެ ކޯޗު ބުނީ އޭނާގެ ހަޔާތުގައި ވެސް ވޯލްޑް ކަޕް ކުޅެން 44 އަހަރު އިންތިޒާރު ކުރަން ޖެހުނު ކަމަށާއި އަމިއްލަ ގައުމު ގޮވައިގެން ވޯލްޑް ކަޕް މެޗެއް ކުޅެވުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
1974ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކުޅުނު ހައިޓީގެ ކޯޗު ސެބަސްޓިއަން މިންގޭ ބުނީ އޭނާގެ ޓީމު ބަލިވީ ހަނިގޮތަކަށް ކަމަށާއި މި ނަތީޖާއާމެދު މާޔޫސް ނުވާ ކަމަށެވެ.
"ހުރިހާ ކަމެއް ކުރެވުނު މި މެޗުން މޮޅުވާން. އެއް ނަޒަރަކުން ބަލާއިރު މިހާ ތަފާތު ކުޑަކޮށް ބަލިވީމާ އަހަރުމެން ހިތްހަމަ ޖެހޭ. އަދި ކުޅުންތެރިންގެ މަސައްކަތާމެދު ފަހުރުވެރިވޭ. އަހަރުމެން އައީ ކޮންތާކުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލާފައި ވިސްނާލުމުން ހަގީގަތުގައި ވެސް ހިތްހަމަ ޖެހުން ލިބޭ މި ނަތީޖާ އާއި ދެއްކި ކުޅުމަށް ބަލާއިރު،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ކޮންމެ ނަތީޖާއެއް މެޗުގައި ނުކުތަސް ހައިޓީ އަށް އެއީ އާދައިގެ ކަމެއްނޫން ކަމަށެވެ.
"ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވެސް އަހަރުމެން އިތުރު ތަކުލީފެއް އުފުލަން ޖެހޭ ކަމެއް. އަދި މުބާރާތުގެ ދެ ވަނަ ބުރަށް ގޮސްފިނަމަ އެކަންވެސް ވާނީ މިފަދަ ކަމަކަށް. އެހެންވީމާ މި ނަތީޖާއާ މެދު ހިތްހަމަ ޖެހޭ،" ކޯޗު ބުންޏެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި ހައިޓީ ކުޅޭނީ ބްރެޒިލްއާ އެވެ. ސްކޮޓްލަންޑް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.