ޚަބަރު

ޓީމު އެކުގައި ޕްރެކްޓިސްތަކެއް ކުރަންޖެހޭ: އަޙްމަދު ޝަރީފް


  • ދެ މެޗުން ހުރައަށް ލިބުނީ އެންމެ ޕޮއިންޓެއް

  • މެޗު ޑޮމިނޭޓުކުރި ނަމަވެސް ގޯލާ ބީރައްޓެހި

ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މުޅި ޓީމު އެކުގައި ޕްރެކްޓިސްކޮށްލަން ނުލިބުން ކަމަށާއި ނަތީޖާ ނެރެން ބޭނުންވާނަމަ ޓީމު އެކުގައި ގިނަ ޕްރެކްޓިސްތަކެއް ކުރަންޖެހޭކަމަށް ކ.ހުރާ ޓީމުގެ ކޯޗު، އަޙްމަދު ޝަރީފް (ޑުންގާ) ބުނެފިއެވެ.

ދިވެހި ލީގު 26/27 ސީޒަންގެ ކޮލިފައިންގ ގައި ރޭ ގދ.ގައްދޫއާ ވާދަކޮށް ހަނި ތަފާތަކުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝަރީފް ވަނީ ހުރާ ޓީމުން ކޮލިފިކޭޝަންގައި ކުޅުނު ދެ މެޗުގައިވެސް މެޗު ޑޮމިނޭޓުކޮށްގެން ކުޅެފައިވަނީ އެޓީމުން ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް އަދި "ނަސީބު އަތުގައި ނުހިފާ"ކަމަށް ކޯޗު ބުންޏެވެ.

"މިރޭ މެޗާ ކުރީ މެޗަށް ބަލާލާއިރު އަޅުގަނޑަށް މިފެންނަނީ ނަސީބު އަދި އަތުނުވާތަން މި ފެންނަނީ. ދެ މަޗަށް ބަލާލިއިރުވެސް މުޅި ގޭމު ޑޮމިނޭޓުކުރަމުން ހުރާ އައިސްސަ، ޖަހަން ލިބޭބައިވަރު އެކަމު ހަމަ ނުޖެހި މިދަނީ. އެހެންވީމަ އަދި ނަސީބު ނާދޭ ކަންނޭނގެ މިކޮޅަށް، އަޅުގަނޑަށް ހީވަނީ.." ޝަރީފް ބުންޏެވެ.

ޓީމުން ކިތަންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލިބޭ ފުރުސަތުތައް ނިންމާލުމުގައި އަދިވެސް ދަތިތަކެއް އެބަހުރިކަމަށް ކޯޗު އިތުރަށް ފާހަގަކުރިއެވެ. މިކަން ހައްލުކުރުމަށްޓަކައި ޓްރެއިނިންގ ތެރެއިން ސީދާ އެކަމަށް ފޯކަސްކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށްވެސް ޝަރީފް ބުންޏެވެ.

މެޗު ޑޮމިނޭޓުކޮށްގެން ކިތަންމެ ރަނގަޅަކަށް ކުޅުނު ނަމަވެސް މެޗުތަކުގައި ނަތީޖާ ނުނެރެވޭ ސަބަބެއްގެ ގޮތުގައި ކޯޗު ފާހަގަކުރީ، ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނަށް ވުމުން މުޅި ޓީމު އެކުގައި ގިނަ ޕްރެކްޓިސްތަކެއް ކުރަން ނުލިބުމެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަންޖެހޭ އިތުބާރު އުފެއްދުމުގައި ދަތިތަކާ ކުރިމަތިވާކަންވެސް ޝްރީފްގެ ވާހަކައިގައި ފާހަގަކުރިއެވެ.

"ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަންނޭނގެ. ޕްރެކްޓިސްތަކެއް ކުރަން އެބަޖެހޭ ކަންނޭނގެ މުޅި ޓީމު އެކުގައި ތިބެގެންނޫނީ ނަސީބު އެހީވާނެ ކަހަލަ ޕްރެކްޓިސްތަކެއް ހިޔެއްނުވޭ އަންނާނެހެނެއް. ކުދިންގެ މަސައްކަތު މާހައުލު އިންނަ ގޮތުން ވަރަށް ދަތިތަކާ އުނދަގޫތަކާއެކު ކުރިއަށް މިދަނީ. ވީމަ ވާއެއްޗަކީ ޕްރެކްޓިސްއަކަށް ހުރިހާ ކުދިންނެއް ނުއެއް ލިބޭ. ނުލިބުނީމަ އޭތި ކަންނޭނގެ މެޗަށް އައިއްސަ ދަނޑުމަތީގަ މިފެންނަނީ." ޝަރީފް ބުންޏެވެ.

ހުރާ ޓީމުން މިހާތަނަށް ކޮލިފައިންގ ގައި ކުޅެފައިވާ ދެ މެޗަށް ބަލާއިރު، ރޭ ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ. އަދި މިދިޔަ ހޯމަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

ހުރާގެ ތިންވަނަ މެޗުގައި އެޓީމު އަންނަ އަންގާރަ ދުވަހު ނުކުންނާނީ ނޯތު ޒޯންގެ ޗެމްޕިއަން، ހއ.ދިއްދޫ އާ ދެކޮޅަށެވެ.