ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޖަނާޒާ ފުލުހުންގެ ފުރިހަމަ އިއްޒަތުގައި ބާއްވައިފިއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ މޫނު ދެއްކުމާއި ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައެވެ.
އިޝާ ނަމާދަށްފަހު ކުރެވުނު ކަށުނަމާދަށްފަހު މަރްޙޫމް ފަސްދާނުލާފައި ވަނީ އާސަހަރާގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށާއި ޤައުމަށް، މަރްޙޫމް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މަރްޙޫމްގެ ސަންދޯއް އުފުލާފައިވަނީ ފުލުހުންގެ ސަންދޯއްވެރިން ކޮނޑު މަތީގައެވެ.
މި ޖަނާޒާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، ޚިދުމަތުގައި ތިއްބެވި އަދި ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތުގައި ހުންނަވައިގެން މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިޚުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ސީނިއާ ސާޖަންޓްގެ މަޤާމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށް ބަދަލުކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައިކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވަމުންދަނިކޮށެވެ.