ޚަބަރު

ރާއްޖޭގެ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި


  • ޔޫކޭ ޖެނެރަލް މެޑިކަލް ކައުންސިލުން ވަނީ އެމްއެންޔޫ ކޯސް ވަޒަންކޮށްފައި

  • މިއާއެކު އިނގިރޭސިވިލާތުގައި ތަޖުރިބާ ހޯދުމަށް ފުރުޞަތު ފަހިވާނެ

  • ޔޫކޭ އަކީ ރާއްޖޭގެ އެމްބީބީއެސް ބަލައިގަތް ފުރަތަމަ ޤައުމު

ދިވެހިރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފިއެވެ. އިނގިރޭސި ވިލާތަކީ ދިވެހިރާއްޖޭގައި ހިންގާ އެމްބީބީއެސް ޕްރޮގްރާމް ބަލައިގަތް ފުރަތަމަ ޤައުމެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން ވުޖޫދުވިފަހުން އެ ތަނުނުގެ ފެންވަރު މަތިކުރުމަށް މެދުކެނޑުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ސްކޫލް އޮފް މެޑިސިންއިން އެމްބީބީއެސް ފުރިހަމަކުރުމުން ދޭ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުން މިވަނީ ބަލައިގަންނަން ފަށާފައެވެ. މިއާއެކު ޤައުމީ ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވާފައިވާ ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތްކުރުމުގެ ކުރިން ހަދަން ޖެހޭ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ މެޑިކަލް ލައިސެންސް އިމްތިޚާނު (ޕްލެބް) ހެދުމަށް ދިވެހިރާއްޖެއިން ކިޔަވާ ދަރިވަރަކު އެދުމުން، އެކައުންސިލުން ޢަމަލުކުރަމުން އައީ ކޮންމެ ދަރިވަރެއްގެ ހުށަހެޅުން ވަކިވަކިން ވަޒަން ކުރާ އުސޫލަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ، އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއަކީ މާ ގިނަ ދުވަސްވީ މެޑިކަލް ސްކޫލަކަށް ނުވުމުގެ ސަބަބުން އެޔނަުގެ ޑިގްރީ ބަލައިގަތުމަށް އިނގިރޭސިވިލާތުގައި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް މިހާރު ސްކޫލުން ދަސްވެނިވާ ބައެއް ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޓެސްޓު ހަދަން ބޭނުންވާތީ ޑިގްރީ ބަލައިގަތުމަށް އެދުނީ ކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންހަޖަކަށް ރާއްޖެއާއި ގުޅޭ ބައެއް ބަދަލުތައް ގެނެސް އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއިން ކިޔަވައި ދެމުން އަންނައިރު، ޑރ. ޝީޒާ ވިދާޅުވީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލަށް ދިވެހިރާއްޖޭގެ މެޑިސިން ކޯހާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެކަމަށް އެދި ފޯމް ހުށަހެޅުމުން އެކައުންސިލުން ކޯސް ވަޒަން ކުރުމަށް ފަހު އެފަރާތްތަކުން މިނގަނޑަށް ފެތޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޔޫކޭއިން ރާއްޖޭގެ އެމްބީބީއެސް ސެޓްފިކެޓް ބަލައިގަންނަނަން ނިންމު ނިމުންމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ. ޝީޒާ ވިދާޅުވީ މިއީ ރާއްޖެއިން ކިޔަވާ ދަރިވަރުންނަށް ބޭރު ޤައުމުތަކުގައި ތަޖުރިބާ ހޯދުމަށް ލިބިގެންދިޔަ މުހިންމު އަދި ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއްކަމަށެވެ. ކުރިއަށްއޮތްތަނުގައި އެހެން ޤައުމުތަކުންވެސް ރާއްޖޭ މެޑިސިން ޑިގްރީ ބަލައިގަންނަކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މެޑިސިން ޑިގްރީ މިހާރު އިންގިރޭސިވިލާތުން ބަލައިގަންނަން ފަށާފައިވާއިރު، ވޯލްޑް ޑައިރެކްޓްރީން އޮފް މެޑިކަލް ސްކޫލްސްގައިވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ވަނީ ހިމެނިފައެވެ.

2019ވަނަ އަހަރުން ފެށިގެން އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގައި ކިޔަވައި ދެމުން އަންނައިރު މިހާތަނަށް 4 ބެޗެއްގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.