މިދިޔަ މޭ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިރާއިން މަހުން މަހަށް އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހު އާމްދަނީ ލަފާކުރި މިންވަރަށްވުރެ ދަށެވެ.
މީރާއިން އާންމުކޮށްފައިވާ މޭ މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ދައުލަތަށް ޑޮލަރު އާމްދަނީ ހިމެނޭހެން ޖުމްލަ 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ޑޮލަރު އާމްދަނީ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 88.54 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީ އަޅާ ބަލާނަމަ %5.8 ދަށް އަދަދެކެވެ.
އާމްދަނީ ދައްވުމުގައި މޭ މަހު އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %19.5 ދަށްވުމާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ބިމު ކުލި ބިދޭސީންގެ ކޯޓާ ފީ ދަށްވުން ހިމެނެއެވެ. މީރާއިން ފާހަގަކުރި ގޮތުގައި މިދިޔަ އަހަރު މޭ މަހު ލީސް އެކްސްޓެންޝަން ފީ އެއް ނުލިބޭ ނަމަވެސް މިއަހަރު އެބައި އާމްދަނީއަށް އިތުރުވެފައިވެއެވެ.
މޭ މަހު ލިބުނު އާމްދަނީއަށް މިދިޔަ އަހަރާއި އަލާބަލާއިރު ބޮޑު ފަރަޤެއް އައިސްފައި ނުވިނަމަވެސް، މިއަހަރު މޭ މަހުގެ އާމްދަނީ 0.3 ދައްވާނެކަމަށް މީރާއިން ލަފާކޮށްފައިވެއެވެ.
މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމެވެ. ލަފާކުރި އަދަދަށްވުރެ އާމްދަނީ ދަށްވުމުގައި މިދިޔަ އަހަރު މޭ މަހާއި އަޅާބަލާއިރު ދަށްވި ސަބަބުތައް މީރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ބިމު ކުލި ބިދޭސީންގެ ކޯޓާ ފީ ދަށްވުން މީރާއިން ވަނީ ފާހަގަކޮށްފައެވެ. މީރާއިން ވިދާޅުވީ މިމަހުގެ ލިބުނު އާމްދަނީގެ %13.8 އަކީ، މީގެ ކުރިން މަސްތަކުގައި ދައްކަން ޖެހޭ މުއްދަތު ފަހަނައެޅުމަށްފަހު ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %21.9 އަކީ، މީރާގެ އިސްނެގުމަށް ކުރި މަސައްކަތުން އާމްދަނީގެ ތެރެއިން ނުލިބި ހުރި ފައިސާ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
މިދިޔަ މޭ މަހު މީރާއަށް ނުލިބި ހުރިފައިސާގެ ތެރެއިން އެއިދާރާއިން ކުރި މަސައްކަތުން 382 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 242.13 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ތެރެއިން 68.19 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ވިދާޅުވެވެ.
އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ފަރާތްތަކުން ދެއްކި 58.98 މިލިޔަން ރުފިޔާއާއި، ފޯން އަދި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން ހޯދި 9.24 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ފިޔަވަޅު އަޅައިގެން 3.40 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.
މީރާގެ އާމްދަނީގެ ބޮޑު ބައެއް މިދިޔަ މޭ މަހު ހިއްސާ ކުރީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ތެރެއިން 1.15 ބިލިޔަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާކަމަށް މީރާއިން ވިދާޅުވިއެވެ. މިއީ އާމްދަނީގެ %56.3 އެވެ. މްދަނީން ނަގާ ޓެކްހުގެ ގޮތުގައި، 234 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސް އާމްދަނީ %6.8 ހިއްސާކުރާއިރު، 139 މިލިޔަން ރުފިޔާ ގްރީން ޓެކުހުން ވަނީ ދައުލަތަށް ލިބިފައެވެ.
އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މޭ މަހު 158 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ވޯކް ޕާމިޓް ފީގެ ގޮތުގައި 7.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މީރާއިން ދަނީ ޤަވާއިދުތަކުގެ ތެރެއިން ނުލިބި ހުރި އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.