އަންނަ ހުކުރު ވިލޭރޭ އަމާން ކަމާއެކު މެކްސިކޯގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ ގައުމުގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ އާއްމުކޮށް ކޮންމެ ދުވަހަކު ބާއްވަވާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ހުޅުވުން މެކްސިކޯގައި ބާއްވާނީ ޖޫން 11 ވަނަ ދުވަހު އެވެ. މި ރަސްމިއްޔާތާ ދިމާކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވީ ނަމަވެސް މެކްސިކޯގެ މުދައްރިސުންގެ ޖަމިއްޔާއިން ވަނީ އެ ދުވަހު މުޅި ގައުމުގައި ބޮޑު އިހްތިޖާޖެއް ބާއްވަން ނިންމައިފަ އެވެ. ސަބަބަކީ ސަރުކާރުން އެމީހުންގެ ގޮވާލުންތަކަށް މިހާތަނަށް އިޖާބަ ދީފައިނުވާތީ އެވެ. މުދައްރިސުން ގޮވާލަމުންދަނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ މުސާރަ ބޮޑު ކުރުމާއި ޕެންޝަން ސްކީމް ސަރުކާރުން ވައުދުވެފައިވާ ގޮތަށް ރަނގަޅު ކޮށްދިނުމަށާއި 2014 ވަނަ އަހަރު މެކްސިކޯގެ ސްކޫލަކުން ގެއްލުނު 43 ކުދިންގެ މައްސަލަ ބަލައިދިނުމަށެވެ.
މި އިހްތިޖާޖްތަކާ ދިމާކޮށް މިހާރު ވެސް ދޭތެރެދޭތެރެއިން މަގުތައް ހަލަބޮލިވަމުންދާއިރު މެކްސިކޯގެ ފުލުހުން ވަނީ އިއްޔެ ބަލައި ފާސްކުރިއިރު އަމިއްލަ އަށް އުފައްދާފައިވާ 59 ގޮވާތަކެތި ރައްކާކޮށްފައިވާ ބަހެއް ފެނިފައިވާ ކަމަށެވެ.
ސަރުކާރުން ބުނަނީ އިހްތިޖާޖު ކުރި ނަމަވެސް އެކަމުގެ އަސަރު ވޯލްޑް ކަޕަށް ނުކުރާނެ ކަމަށާއި މުބާރާތަށް އެ ގައުމަށް އެތެރެވޭ އެންމެނަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދޭނެ ކަމަށެވެ. އަދި މުދައްރިސުންނާއެކު މިހާރު ވެސް މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
ނަމަވެސް ސަރުކާރުން މުދައްރިސުންގެ މައްސަލަތައް ހައްލު ކުރަން ހުށަހެޅި ގޮތްތައް ވަނީ ގަބޫލު ނުކޮށްފަ އެވެ.
ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް މެކްސިކޯގެ ސްކޫލްތަކަށް ދެމަހާއި ބައިގެ ޗުއްޓީއެއް ދޭން ވެސް ނިންމި އެވެ. މިކަން ބަދަލު ކުރީ ވެސް މިކަމާ ދެކޮޅަށް އާއްމުންނާއި ބެލެނެވެރިންނާއި ސިޔާސީ ފަރާތްތަކުން ނުކުތުމުންނެވެ.