ޚަބަރު

ނިއުޔޯކް ސެންޓްރަލް ޕާކުގައި ވޯލްޑް ކަޕް ފައިނަލް ހިލޭ ބެލޭގޮތް ހަމަޖައްސަނީ


  • ސެންޓްރަލް ޕާކް އިވެންޓަށް 50 ހާސް މީހުންނަށް ވަދެވޭނެ

މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ނިއުޔޯކުގެ ސެންޓްރަލް ޕާކުގައި ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް އެސިޓީގެ ގަވަރުނަރާއި މޭޔަރ ހާމަކުރައްވައިފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯޗުލް އާއި މޭޔަރ ޒޮހްރާން މަމްދާނީ ވަނީ ސެންޓްރަލް ޕާކުގެ ގްރޭޓް ލޯންގައި ވާރލްޑް ކަޕްގެ ފައިނަލް މެޗު ފައްސާސް ހާސް ސަޕޯޓަރުންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެކަމަށް ވިދާޅުވެފައެވެ.

ހޯޗުލް ވިދާޅުވިގޮތުގައި ދުނިޔޭގައި ކުޅޭ އެންމެ ބޮޑު މެޗު ބެލުމަށްޓަކައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ވޮޗް ޕާޓީ ސެންޓްރަލް ޕާކްގައި ބޭއްވިގެންދާނެއެވެ. އަދި މިކަން ކާމިޔާބު ހަރަކާތެއްގެގޮތުގައި ހެދުމަށްޓަކައި 6 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރެވިގެންދާނެއެވެ. މިގޮތުން ނިއުޔޯކްގެ ތަޖްރިބާ އެއްތާކުން ކޮށްލުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެންދާނެކަމަށްވެސް ހޯޗުލް ފާހަގަ ކުރެއްވިއެވެ.

މިފަހަރުގެ ވާރލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ. މިސްޓޭޑިއަމްއަކީ 82,500 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. ނިއުޔޯކްގެ މޭޔަރ މަމްދާނީ ވިދާޅުވިގޮތުގައި ސެންޓްރަލް ޕާކްގައި ވޮޗް ޕާޓީއެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ފައިނަލް މެޗު ބަލާލުމަށް ޓިކެޓް ގަތުމުގެ ގާބިލްކަންނެތް އެސިޓީގެ ރައްޔިތުންނަށް ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އޭނާ ވިދާޅުވިގޮތުގައި މަސައްކަތު ފަންތީގެ ރައްޔިތުންނަށް މިހާރަކަށް އައިސް ކުޅިވަރު މުބާރާތްތައް ތަޖްރިބާކުރުން ވެފައިވަނީ ކުރެވޭވަރަށްވުރެ އަގުބޮޑު ކަމަކަށް ވެފައިކަމަށާއި އެހެން ކަމުން މިފަހަރުގެ މިއިވެންޓް ސެންޓްރަލް ޕާކްގައި ބޭއްވޭނީ މުޅިން ހިލޭކަމަށެވެ.

މިވޮޗް ޕާޓީ އިންތިޒާމް ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި މިއިވެންޓަށްޓަކައި ސެންޓްރަލް ޕާކްގައި މެޗު ބެލޭގޮތަށް ބޮޑެތި ސްކްރީންތައް ބެހެއްޓުމުގެ އިތުރުން ސިޓީގެ ފާހަގަ ކޮށްލެވޭ ޑީޖޭއިންނާއި ކާނެތަންތަނުގެ އިތުރުން ހާފް ޓައިމްގައި މިޔުޒިކް ޝޯވެސް އޮންނާނެއެވެ.

މިއިވެންޓްގެ ޓިކެޓް މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެކަމަށްވެއެވެ. އަދި އެސިޓީގެ ސަރވިސް ވޮލަންޓިއަރުންނަށް މިއިވެންޓަށް ވިހި އިންސައްތަ ހާއްސަ ކުރެވިގެންދާނެކަމށްވެސް މަމްދާދީ ވިދާޅުވިއެވެ.