ޚަބަރު

ވީއޭއެމް ވޮލީ ލީގު: ހަވަނަ ދުވަހުގެ މެޗުތައްވެސް ފޯރި ގަދަ


  • ލީގުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

  • ފިރިހެން ޑިވިޝަނުގައި 13 ޓީމަކުން އަދި އަންހެން ޑިވިޝަނުގައި 24 ޓީމަކުން ވާދަކުރޭ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ހަވަނަ ދުވަހުގެ މެޗުތައް ކުއީން ސްޕޯޓްސް ކްލަބު، އެމްޓީސީސީ، ސްޕޯޓްސް ކްލަބް ވިޝަން، ކަނބަލުން ސްޕޯޓްސް ކްލަބް، ކްލަބް ވޮލީބޯލް، ހެޕީ ސްޕޯޓްސް ކްލަބް އަދި ސްޕޯޓްސް ކްލަބް ދިރުން ކާމިޔާބުކޮށްފިއެވެ.

ލީގުގަ ފުރަތަމަ ކުޅެފައިވަނީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. މިމެޗު އެމްޓީސީސީއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދަތިތަކެއް ނެތި މިމެޗުގެ ސެޓުތައް އެމްޓީސީސީއިން ނެގީ 18-09، 18-09 އަދި 19-17 އިންނެވެ.

ލީގުގަ އިއްޔެ އިތުރަށް ކުޅެފައިވަނީ އަންހެން ޑިވިޝަނުގެ މެޗުތަކެވެ. އެގޮތުން ފުރަތަމަ މެޗު ކުއީން ސްޕޯޓްސް ކްލަބު މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސިޓީ ސްޕޯޓްސް ކްލަބާ ވާދަކުރި މިމެޗު ކުއީންއިން ގެންދިޔައީ 18-11، 18-09 އަދި 18-14 އިންނެވެ.

އެމްޓީސީސީ އަދި ސަދަން ސްޕޯޓްސް ކްލަބުގެ މެދުގައި ކުޅުނު މެޗުވެސް އެމްޓީސީސީއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މިމެޗު އެމްޓީސީސީއިން ނެގީ ފަސޭހަކަމާއެކު 18-09، 18-11 އަދި 18-08 އިންނެވެ.

އިއްޔެގެ ހަތަރުވަނަ މެޗު ކާމިޔާބުކުރީ ސްޕޯޓްސް ކްލަބު ވިޝަންއިންނެވެ. ގުޑީސް ސްޕޯޓްސް ކްލަބުގެ މައްޗަށް ވިޝަންއިން ކުރި ހޯދީ ތިން ސެޓުން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓުތައް ދިޔައީ 18-12، 18-14، 15-18 އަދި 20-18 އިންނެވެ.

ފަސްވަނަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކަނބަލުން ސްޕޯޓްސް ކްލަބުންނެވެ. މުނީޒް ވޮލީބޯލް މޫވްމެންޓްގެ މައްޗަށް ކަނބަލުން ކުރި ހޯދީ ހަމަޖެހިލައިގެން ތިބެ، 18-04، 18-07 އަދި 18-07 ގެ ބޮޑު ތަފާތަކުންނެވެ.

އިއްޔެގެ ހަވަނަ މެޗުވެސް ފާހަގަކުރެވުނީ ފޯރި ގަދަ މެޗެއްގެ ގޮތުގައެވެ. މިމެޗު ކާމިޔާބުކުރީ ކްލަބް ވޮލީބޯލްއިންނެވެ. ހަތަރު ސެޓަށް ދިޔަ މިމެޗު އެޓީމުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުން އަލްމާ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 18-08، 16-18، 18-16 އަދި 18-13 އިންނެވެ.

ހަތްވަނަ މެޗު ސީދާ ތިން ސެޓުން ނެގީ ހެޕީ ސްޕޯޓްސް ކްލަބެވެ. އައިލެންޑް އޯޝަން ކްލަބާ ވާދަކުރި މިމެޗުގެ ސެޓުތައް ގެންދިޔައީ 18-10، 18-06 އަދި 18-04 އިންނެވެ.

އިއްޔެގެ ފަހު މެޗު ކާމިޔާބުކުރީ ސްޕޯޓްސް ކްލަބު ދިރުމުންނެވެ. އެޓީމުންވަނީ ސީދާ ތިން ސެޓުން ވޮލީބޯލް އެކެޑެމީ ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 18-10، 18-09 އަދި 18-15 އިންނެވެ.

އުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ފިރިހެން ޓީމުތަކުގެ ޕޮއިންޓު ތާވަލަށް ބަލާއިރު މިވަގުތު އެންމެ މަތިން ޕޮއިންޓު ހޯދާފައިވަނީ ޔުނައިޓެޑް ހެންވޭރިއަންސްއެވެ. އެޓީމުންވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ 5 ޕޮއިންޓާއެކު ޕޫލް އޭގެ ކުރީގައި ހަމަޖެހިލާފައެވެ. ތިން ޕޮއިންޓާއެކު ޕޫލް ބީގެ ކުރީގައި ލަޔަންސް ރެކްރިއޭޝަން އޮތް އިރު، ޕޫލް ސީގެ އެއްވަނައިގައި ސްޕޯޓްސް ކްލަބް ސިޓީވެސް އޮތީ ތިން ޕޮއިންޓާއެކުއެވެ. ގްރޫޕް ޑީ ގެ އެއްވަނައިގައި އެމްޓީސީސީ އޮތްއިރު، އެޓީމަށްވެސް ލިބިފަވަނީ ތިން ޕޮއިންޓެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި ހަތަރު ޕޫލަށް ބަހާލާފަވާއިރު، 13 ޓީމަކުން ވާދަކުރެއެވެ.