ވިޔަފާރި

ދަނޑުވެރިކަމުގެ މައުރަޒަށް އާންމުންގެ ބޮޑު ތަރުޙީބެއް


މިއަހަރު ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން އިއްޔެ ދަރުބާރުގޭގައި ފެށި ދަނޑުވެރިކަމުގެ މައުރަޒަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމުގައި އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސްޓޯލްތައް ބައިވެރިކޮށްފައިވެއެވެ.

މި މައުރަޒުގައި 12 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިފަދަ މައުރަޒެއް ބޭއްވެވުމުގެ ބޭނުމަކީ ދަނޑުވެރިކަން ކުރާ ފަރާތްތަކުން އުފައްދާ އެކިބާވަތްތައް މާކެޓްކުރުމާއި އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ މަގެއް ހުޅުއްވައިދެއްވުން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ. ދަނޑުވެރިކަމާއި ގުޅުންހުރި މައުލޫމާތު އާންމުންނަށާއި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ދެއްވުމުގެ ޚާއްސަ ސެޝަންތަކެއް މައުރަޒުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޢަލީ އާމިރު ވިދާޅުވިއެވެ.

މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުން ބުނީ މިއީ އެމީހުންގެ ވިޔަފާރިތައް ކުރިއަރުވާ މާކެޓްކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މައުރަޒުގެ ފުރަތަމަ ދުވަހުވެސް ބޮޑު ތަރުހީބެއް ލިބުނުކަން އެފަރާތްތަކުން ފާހަގަކުރިއެވެ. މި މަޢުރަޒުގައި، ވިޔަފާރި އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ކާނާގެ ބާވަތްތައް އުފެއްދުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި އަދި ދައުލަތުގެ އެކި މުއައްސަސާތައް ބައިވެރިވެއެވެ.

މިއަހަރުގެ ދަނޑުވެރިކަމުގެ މަޢުރަޒުގެ ތީމަކީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރުކަމުގައިވާ "މޫސުމަށް އަންނަ ބަދަލުތަކާއި އެކު ދަނޑުވެރިކަމަށާއި ކެއުމުގެ ވައްޓަފާޅިއަށްވެސް ބަދަލު ގެންނަން ޖެހޭ" މި ޝިޢާރެވެ.