ޚަބަރު

"ކްރެޑިޓް ރޭޓިން މަތިކުރުމަކީ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް"


  • ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވީ ހަރުދަނާ ސިޔާސަތުތަކެއް

  • މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ވިދާޅުވި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މަތިކޮށްފައެވެ. އެގޮތުން ފިޗުން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ކުރިން ރާއްޖޭގައި އޮތް "ސީސީ" ރޭޓިންގ "ސީސީސީ -"އަށް މަތިކޮށްފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ލީޑަޝިޕްގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދުގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ މާލީ އިޤްތިޞާދީ ހަމަޖެހުން ގާއިމްކުރުުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އަލުން ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މި ކާމިޔާބީއަށްޓަކައި ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށެވެ. އަދި މިއަދު މިކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ފިޗްގެ ރޭޓިން މަތިވުމަކީ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބޭރުގެ ފަރާތްތަކުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށާއި، މި ރޭޓިންއާއެކު ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދީ ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އައު ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.