އިނގިރޭސިވިލާތުން ރާއްޖެއަށް 80،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. އެޤައުމަކީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިންކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވލާތުން ރާއްޖެއަށް 80,580 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
ޗައިނާ: 144,931 ފަތުރުވެރިން
ރަޝިއާ: 126,712 ފަތުރުވެރިން
އިނގިރޭސިވިލާތް: 80,580 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 951,222 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ކަމުގައިވާ 992,225 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މިހާރު އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ނިމުނު މޭ މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 6 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 2 ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 22,659 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,284 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،000 އިން މައްޗަށް އަރައެވެ.