ޚަބަރު

ޓެރިފް ކަނޑާލުން: ދިވެހި މަހުގެ އުފެއްދުންތަކުގެ ޑިމާންޑް އިތުރުވާނެ


  • ވަކި ޤައުމަކަށް ޚާއްޞަކޮށް ޓެރިފް ކަނޑާލަން ޑަބްލިއުޓީއޯ މިންގަނޑުތައް ފުރުސަތު ނުދޭ

  • ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމުގައި ރާއްޖެއިން ބޮޑު ދައުރެއް އަދާކުރި

ރާއްޖޭއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް ނަގަމުން އައި ޓެރިފް 2 އަހަރު ދުވަހުގެ މުއްދަތަށް އުވާލުމަށް މިހާރު ވަނީ ނިންމާފައެވެ. އާންމުކޮށް ހުޅުވާލެވިގެން އެ ޤައުމަށް އެތެރެކުރާ ކަނޑުމަހުގެ ވަކި ބާވަތްތަކުން ޓެރިފް އުނިކުރުމަށް ނިންމިއިރު، ހަޤީޤަތުގައި މި ކަމުގެ އެންމެ ބޮޑުފައިދާއެއް ކުރަން އޮތީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށެވެ.

އިނގިރޭސިވިލާތުން ޓެރިފް އުވާލުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުން ކުރަން ޖެހޭ ޚަރަދު ކުޑަކުރުމަށެވެ. މި ނިންމުމުގެ ތެރެއިން ޓެރިފްތައް އުނިކުރުން ނިންމާފައިވާ ގިނަ ބާވަތްތަކެއް ހުރިއިރު، ދިވެހިންނަށް މިކަމުގެ ފައިދާ ލިބިގެންދިޔައީ ދިވެހިންގެ މަހުގެ އުފެއްދުންތަކަށް މި ޓެރިފް އުނިވެގެން ދިއުމެވެ.

ތާރީޚަށް ބަލާނަމަ، ދިވެހި މަހުގެ އުފެއްދުންތަކަކީ އިނގިރޭސިވިލާތުގެ ބާޒާރަށް މަޤުބޫލު އުފެއްދުންތަކެކެވެ. އެންމެ ކުރިން ދިވެހިން އިނގިރޭސި ބާޒާރަށް މަހުގެ އުފެއްދުންތައް ބޭރުކުރަމުން އައީ އެއްވެސް އިތުރު ޓެރިފެއް ނުލައެވެ. ނަމަވެސް ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުން ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވުމުން، ބައިނަލްއަޤްވާމީ މައިދާނުގައި ލިބެމުން އިނާޔަތްތައް އުނިވެގެން ދިޔައެވެ. އެގޮތުން އިނގިރޭސިވިލާތް ހިމެނޭހެން ވިލާތުގެ ބާޒާރަށް ބޭރުކުރަމުން އައި މަހަށް 24 އިންސައްތައިގެ ޓެރިފަކާއި ކުރިމަތިލާން ޖެހުނެވެ. އޭގެ ފަހުން އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވެ 20 އިންސައްތައަށް ޓެރިފް ކުޑަކުރިއެވެ.

އެއަށް ފަހު މާރިޗު 20 ވަނަ ދުވަހު ގެނައި ބަދަލުގައި އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ވަކި ބާވަތްތަކުން ޓެރިފް ކަނޑާލަން މިވަނީ ނިންމާފައެވެ. ޓެރިފް ކަނޑާލަން ނިންމާފައިވާ ބާވަތްތަކަކީ ދިވެހިރާއްޖެއިން އިނގިރޭސި ބާޒާރަށް ވިއްކަމުން އަންނަ ބާވަތްތަކެވެ. މިނިންމުމުގެ އެންމެ ބޮޑު ފައިދާއެއްވެސް ލިބެން އޮތް ޤައުމަކީ ދިވެހިރާއްޖެއެވެ.

ޓެރިފް ކަނޑާލުމުގެ ފައިދާ އެހެން ޤައުމުތަކަށް ވުރެ ބޮޑަށް ލިބޭނީ ރާއްޖެއަށް

ޓެރިފް ކަނޑާލިއިރު ވަރަށް ގިނަ ފަރާތްތަކުން ނެގި އެއް ނުކުތާއަކީ، މި އިސްތިސްނާ ދިވެހިރާއްޖެއަށް އެކަނި ނުދޭ ސަބަބާއި ގުޅޭގޮތުންނެވެ. ވޯލްޑް ޓްރޭޑް އޯގައިނައިޒޭޝަންގެ މޯސް ފޭވާޑް ނޭޝަން ޕްރިންސިޕަލް ބުނާ ގޮތުން، ޤައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެވި ޢަމަލުކުރަމުން ނުދާ ހާލަތުގައި އެއްވެސް ޤައުމަކަށް ޚާއްޞަ އިސްތިސްނާއެއް ވަކި ކަމެއްގައި ނުދެވޭނެއެވެ. މިކަން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވ ވެސް ވަނީ ޔަޤީންކޮށް ދެއްވާފައެވެ.

އެހެންނަމަވެސް އިނގިރޭސިވިލާތުގެ ނިންމުން ޖުމްލަ ގޮތެއްގައި ބަލާނަމަ މިއީ ރާއްޖެއަށް އަމާޒުކޮށް ދީފައިވާ ލުޔެއްކަން އެނގެއެވެ. މިކަމުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އިނގިރޭސިވިލާތަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ 10 ޤައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނެނީ 9 ވަނައިގައެވެ. މި ލިސްޓުގެ 7 ޤައުމަކުން އެއްވެސް ޓެރިފެއް ނުދައްކާ ނުވަތަ ދައްކަނީ ވަރަށް ކުޑަ ޓެރިފެކެވެ. ޓެރިފް ދައްކާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ޗައިނާ އަދި ތައިލޭންޑެވެ.

މި ޤައުމުތަކުން އުފެއްދުންތަކަށް ޓެރިފް ނެގިޔަސް، ޤައުމުގެ އިޤްތިޞާދު ބޮޑުވުމުން ޓެރިފްއަށް ނަގާ އަގު ދައްކައިގެންވެސް އަގުހެޔޮކޮށް ފޯރުކޮށްދެވެ. ނަމަވެސް މިހާރުއައި ބަދަލުގެ ސަބަބުން އެމްއެސްސީ ސެޓިފިކޭޝަން ލިބިފައިވާ ފެންވަރު ރަނގަޅު ދިވެހި މަހުގެ އުފެއްދުންތަކުގެ އަގު އިނގިރޭސި ބާޒާރުގައި ހެޔޮ ވެގެންދާނެއެވެ.

އިނގިރޭސި ބާޒާރުގައި ދެމެހެއްޓެނިވި ފެންވަރު ރަނގަޅު މަސްވެރިކަމުގެ އުފެއްދުންތަކަކީ މަޤްބޫލު އުފެއްދުންތަކެކެވެ. އެހެން ކަމުން ޗައިނާ އަދި ތައިލޭންޑުގެ އަގު ހެޔޮ އުފެއްދުންތަކަށް ވުރެ، ދިވެހި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު ބޮޑެވެ. ޓެރިފް ކަނޑާލުމުން ދިވެހި އުފެއްދުންތަކުގެ އަގު ހެޔޮވުމުން ޑިމާންޑް އިތުރުވެ ދިވެހި އުފެއްދުންތަކަށް ރަނގަޅު އަގެއް ލިބިގެންދެއެވެ. އެ ޤައުމުތަކަށް ކުޑަ ލުޔެއް ލިބިގެންދިޔަޔަސް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންދާ ރާއްޖޭގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު މާ ބޮޑެވެ.

ޓެރިފް ކަނޑާލުމުގައި ރާއްޖޭގެ ބައިވެރިވުންވެސް އެބައޮތް

ޓެރިފް ކަނޑާލުމަށް ހޯދި ލުއިތަކަކީ ވަރަށް ގިނަ ދުވަހުގެ މަޝްވަރާތަކެކެވެ. މި މަޝްވަރާތައް ނުކުރަ އެއްވެސް ސަރުކާރެއް ނާދެއެވެ. 2014 ވަނަ އަހަރު ވިލާތުގެ ބާޒާރުން ޓެރިފް ރާއްޖޭގެ މަހަށް ޓެރިފް ނަގަން ފެށުމުން އެ ޓެރިފް ކަނޑާލުމަށް މެދުނުކެނޑި ދިޔައީ މަޝްވާ ކުރަމުންނެވެ. މިކަމުގައި އެއްވެސް ސަރުކާރަކުން ދޫދީފައެއް ނެތެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ފެންނަން ނެތީ އެކަށީގެން ނަތީޖާއެކެވެ.

ރަސްމީ ނިންމުމުގައި ސީދާ ރާއްޖެގެ ނަން ނުހިމެނުނަސް ރާއްޖޭގެ ބައިވެރިވުން އޮތްކަން ހާމަކޮށްދިނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވއެވެ. އޭނާ ވިދާޅޫވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އޭރު ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިރުތިޝާމް އާދަމް މި މައްސަލަ އަބަދުވެސް އިނގިރޭސި ސަރުކާރައި ހަމައަށް އުފަލަމުން ދިޔަ ކަމަށެވެ.

މިއަދު ދިވެހިރާއްޖެއަށް ލިބިފައިވާ މި ލުޔަކީ، ސަރުކާރުތަކުން މެދު ނުކެނޑި ކުރަމުން އައި މަސައްކަތުގެ ނަތީޖާކަން އެނގި ހާމަވެއެވެ. ހަމަ ޔަޤީނުންވެސް މިކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި މަސްވެރިންނަށެވެ. މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މިއީ އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއިން ދެވަނަ އަށް އެންމެ ގިނައިން މަހުގެ އުފެއްދުންތައް ބޭރުކުރާ ޤައުމެވެ. ރާއްޖެ ބޭރުކުރަނީވެސް ގިނައިން އަގު އެއްކުރެވިފައިވާ މަހެވެ. އަހަރެއްގެ މައްޗަށް ރާއްޖެއިން އިނގިރޭސިވިލާތަށް 17 މިލިޔަން ޕައުންޑު ނުވަތަ ގާތްގަނޑަކަށް 21 މިލިޔަން ޑޮލަރުގެ މަސް އެކްޕޯޓު ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އިނގިރޭސި ސަފީރު ވިދާޅުވާ ގޮތުން މިމާކެޓުގައި ރާއްޖެ ކުރިއެރުމަށް ވަރަށް ބޮޑު ފުރުސަތެއް މިހާރު މިވަނީ ހުޅުވިފައިެވެ.