"ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމަވައިފިއެވެ. މިއީ މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މޭ 27އިން 29އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައިކަމަށެވެ. އެގޮތުން، މި ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތު ޕޫލް، ރެޕަލިންގ ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށެވެ.
މީގެ އިތުރުން މާލޭގައި މެއި މަހުގެ 28ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހުކަމަށާއި ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގ ކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތު ޕޫލްގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން ފޭސް2ގެ ހިޔާ ޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގ ކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި މެއި 27 އަދި 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، މޭ 27އިން 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު" ގައި ރެޕަލިންގ ކުރުމުގެ ފުރުޞަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، ޢީދު ހަވީރު އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށްކަމަށެވެ.