ކުޅިވަރު

އެބޯލާގެ ސަބަބުން ކޮންގޯގެ ވޯލްޑްކަޕް ކޭމްޕް ބެލްޖިއަމަށް


ކޮންގޯގެ އުތުރުގައި ފެތުރެމުންދާ އެބޯލާ ވައިރަސްގެ ސަބަބުން ވޯލްޑް ކަޕަށް ތައްޔާރުވާން އެ ގައުމުން ބާއްވަން އުޅުނު ކޭމްޕް ކެންސަލްކޮށް ބެލްޖިއަމްގައި ކޭމްޕް ކުރަން ނިންމައިފި އެވެ.

ޔޫރަޕުގެ ގައުމެއް ކަމަށްވާ ބެލްޖިއަމަށް ކޮންގޯ ޓީމު ދާން ނިންމި މައިގަނޑު ސަބަބަކީ އެބޯލާގެ ސަބަބުން އެމެރިކާ އަށް އެތެރެވުމަށް އެ ގައުމުގެ ރައްޔިތުން 21 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭތީ އެވެ. ނަމަވެސް ޔޫރަޕުގައި ތިބެފައި އެމެރިކާ އަށް އެތެރެވާނަމަ މި މުއްދަތު ހޭދަކުރާކަށް ނުޖެހެ އެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އެމެރިކާ އަށް ޓީމު އައުމުގެ 21 ދުވަސް ކުރިން ކޮންގޯގައި ޓީމުގެ އެއްވެސް މީހަކު ހުރެފިނަމަ އެމެރިކާ އަށް އެތެރެވެވޭނީ އެ ގައުމުން ކަނޑައަޅާފައިވާ ހަރުކަށި ހެލްތް ސްކްރީން ޓެސްޓް ތަކުން ފާސްވެގެން ކަމަށެވެ.

އެބޯލާގެ 17 ވަނަ އައުޓް ބްރޭކްގެ ސަބަބުން ކޮންގޯއިން މިހާތަނަށް ވަނީ 139 މީހުން މަރުވެފަ އެވެ. އަދި 600 ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ.

ކޮންގޯއިން ފުރަތަމަ ނިންމީ އެ ގައުމުގެ ކިންޝާޝާގައި ކޭމްޕް ކުރުމަށެވެ. ނަމަވެސް ބެލްޖިއަމަށް ކޭމްޕް ބަދަލު ކުރީ ސީދާ އެބޯލާގެ ސަބަބުން ކަމެއް ކޮންގޯގެ ފުޓްބޯޅަ ޓީމުގެ ފަރާތުން ނުބުނެ އެވެ. ބުނެފައިވަނީ ކޮންގޯގައި ކުޅޭ އެއްވެސް ކުޅުންތެރިއަކު ޓީމަށް ނުނަގާ ކަމަށާއި މުޅިން ވެސް ތިބީ ގައުމުން ބޭރުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ކަމަށެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ 1974 ވަނަ އަހަރުގެ ފަހުން އެ ގައުމު ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ކޮންގޯ ހިމެނެނީ ޕޯޗުގަލް އާއި އުޒުބަކިސްތާނާއި ކޮލަމްބިއާއާއެކު ގްރޫ ކޭ ގަ އެވެ.