އަންނަ ޖޫން މަހު ސަރުކާރު ސްކޫލުތަކުގައި މަތީސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އޭލެވެލް ޖޫން އިންޓޭކްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 28ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.
ސަރުކާރު ސުކޫލްތަކުގައި މަތީ ސާނަވީއަށް ވަދެވެނީ މިދިޔަ އަހަރުގެ ނިޔަލަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. މި އުމުރު ހަމަވިނަމަވެސް މަދަރުސީ ނިޒާމުގެ ތެރެއިން ގްރޭޑް 10 ނިންމާ، ގްރޭޑް 11އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އޮންނާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ގްރޭޑް 11އަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންނަށްވެސް އޭލެވެލްގައި ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ.
މަތީ ސާނަވީއަށް ވަނުމުގެ އެކަޑަމިކް ޝަރުތުތަކުގައި އެސް.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް، އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު، އަދި ބީޓެކްގެ ނަތީޖާއަށް ބަލާނެއެވެ. މިގޮތުން 3 މާއްދާއިން ފެށިގެން 5 މާއްދާއާހަމައަށް ފާސްވާ ދަރިވަރުންނަށް އޭލެވެލްގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާން ހަދާ ދަރިވަރިން ސާނަވީ ނިންމާ އިމްތިހާނުތަކުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ދަރިވަރުންނަށްވެސް އޭލެވެލްގައި ބައިވެރިވެވޭނެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދަރިވަރުގެ އެޕްލިކޭޝަން ހުށަހަޅާފައިވާ ސްކޫލުން ދަރިވަރުގެ ޖާގައާއި ބެހޭ މައުލޫމާތު މިމަހުގެ 25 އިން ފެށިގެން ބެލެނިވެރިންނާ ހިއްސާކުރަމުންދާނެކަމަށެވެ. އަދި ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރު ރަޖިސްޓްރީ ކުރުމާއި ގުޅޭ މައުލޫމާތު ބެލެނިވެރިޔާގެ އީމެއިލްއަށް ފޮނުވާނެއެވެ.
މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ ޕައިލެޓް ޕްރޮގްރާމްއެއް ފަށާފައެވެ. ސަރުކާރު ސްކޫލްތަކުގައި އޭލެވެލް ކިޔެވި ދަރިވަރުންގެ އަދަދު ކުރިއާއި އަޅާބަލާއިރު %77 ވަނީ އިތުރުވެފައެވެ.