ހުޅަނގުގެ ދިފާޢީ އިއްތިޙާދަށް (ނޭޓޯ) ބޮޑު ކާރިސާއެއް ނުވަތަ ހަނގުރާމައިގެ ޙާލަތެއް ކުރިމަތިވެއްޖެ ހިނދެއްގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ފޮނުވުމަށް ކަނޑައަޅާފައިވާ ސިފައިންގެ އަދަދު މަދުކޮށް، ދިފާޢީ ދާއިރާގައި ބައިވެރިވުން ހަނިކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ރަސްމީކޮށް ނޭޓޯއާ ޙިއްޞާކޮށްފައި ނެތް ނަމަވެސް، މި ނިންމުމުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ، ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި މޭ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ މެންބަރު ޤައުމުތަކުގެ ދިފާޢީ ސިޔާސަތާބެހޭ މުޝީރުންގެ ބައްދަލުވުމުގައި އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން މި ކަން އިޢުލާނުކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
ނޭޓޯއަށް ނުވަތަ މެންބަރު ޤައުމަކަށް ބޮޑު ކާރިސާއެއް ނުވަތަ ހަނގުރާމައިގެ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުން ހަރަކާތްތެރިވާން ޖެހޭ ސިޔާސަތަށް ދީފައިވާ ނަމަކީ 'ނޭޓޯ ފޯސް މޮޑެލް' އެވެ. ޓްރަމްޕްގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ނޭޓޯ ފޯސް މޮޑެލް ސިޔާސަތުގެ ދަށުން، އެމެރިކާއިން ތައްޔާރީ ޙާލަތުގައި ފޮނުވާ ސިފައިންގެ އަދަދު މަދުކޮށް، އަސްކަރީ ޤާބިލުކަމާއި ބައިވެރިވުން ހަނިކުރުމަށެވެ. ޖުލައި މަހު ތުރުކީވިލާތުގައި ބާއްވާ ނޭޓޯގެ އިސްވެރިންގެ ސަމިޓުގެ ކުރިން މި ބަދަލުތައް ތަންފީޒުކުރުމަކީ އެމެރިކާގެ ދިފާޢީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒު ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ވިލާތުގެ ޤައުމުތަކުގެ ދިފާޢުގެ މައިގަނޑު ޒިންމާ، އެ ޤައުމުތަކުން އަމިއްލައަށް އުފުލަން ޖެހޭނެ ކަމުގައި ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނޭޓޯ ފޯސް މޮޑެލްގެ ދަށުން ތައްޔާރީ ޙާލަތުގައި ތިބޭ ސިފައިންގެ އަދަދު މަދުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމުމަކީ، އެ ކަމަށް ބާރުއެޅުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށުމުގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ޕެންޓެގަންގެ ސިޔާސަތާބެހޭ އިސްވެރިޔާ އެލްބްރިޖް ކޯލްބީ ވިދާޅުވީ، ވިލާތުގެ ޤައުމުތަކުގެ ދިފާޢުގައި އެމެރިކާގެ ބައިވެރިން ހަނިކުރި ނަމަވެސް، ނިއުކްލިޔަރ ހަތިޔާރުގެ ބާރުވެރިކަން ބޭނުންކޮށްގެން ނޭޓޯގެ މެންބަރު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިިނުމުގައި ވޮޝިންގޓަނުން ދެމިއޮންނާނެ ކަމުގައެވެ.
ނޭޓޯ ފޯސް މޮޑެލްގައި އެމެރިކާގެ ބައިވެރިވުން ހަނިކުރުމަށް ޕެންޓެގަނުން ނިންމުމަކީ ނޭޓޯގެ މެންބަރު ޤައުމުތަކަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އަދި، ވިލާތުގެ ޤައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއިން އެމެރިކާ މުޅިން ފެޔަށް ޖެހުމުގެ ބިރު އެ ޤައުމުތަކަށް އޮތް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ޖަރުމަނުވިލާތުގައި ތިބި އެމެރިކާ ސިފައިންގެ ފައުޖުގައި ހިމެނޭ 5,000 ސިފައިން ބޭލުމަށް ވޮޝިންގޓަނުން ދާދިފަހުން ނިންމާފައިވާއިރު، ޕޮލެންޑަށް ފޮނުވުމަށް ރާވާފައި އޮތް ބޮޑު ފައުޖެއް ނުފޮނުވުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ. މިއީ، އެމެރިކާއާއި ވިލާތުގެ ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.