ޚަބަރު

ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފި


  • ފާމަސީއިން 24 ގަޑިއިރު ޚިދުމަތްދޭނެ

  • ބޭރުން ބޭސް ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ޤާއިމްކޮށްފައިވޭ

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ. "ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ"، ގެ ނަމުގައި މި ފާމަސީ ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ސަރަހައްދުގައެވެ.

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.

ސްޓޭޓްފާމާއިން ވިދާޅުވީ ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މި ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. މި ފާމަސީއިން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ޤާއިމްކޮށްފައެވެ. މި ނިޒާމުގެ ދަށުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗް އާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި، ފަރުވާއަށް ބޭނުންވާ ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ސްޓޭޓްފާމާގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން އެ ކުންފުނިން ދަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އައިޖީއެމްއެޗްގައި ބޭސް ފިހާރައެއް ހުޅުވިއިރު އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދާ ފާމަސީތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކް ހުރި ނެތްގޮތް ބެލޭނެ ސެންޓަރަލް ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ފާމަސީއެއްގެ ބޭހުގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމު މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މާލޭގައި ފާމަސީއެއް ހުޅުވިއިރު އެ ކުންފުނީގެ ފާމަސީތަކުގައި މަސައްކަތް ކުރާނެ ފާމަސިސްޓުންނާއި ފާމަސިސްޓުންގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެކަމަށް އެދި މި މަހުގެ 30 ގެ ކުރިން ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވަލާފައެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނީ ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކުރުމާ އެ ދާއިރާއިން 1-4 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް ފާމަސޫޓިކަލް އުފެއްދެވީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކުންފުނީގެ އޮނިގަނޑު އެކުލަވާލާ، ރާއްޖެއަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ކުރެވިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނި ރަނގަޅަށް ހިނގައިގަތުމުން ބޭހުގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރައްވައެވެ.

އެސްޓީއޯގެ ދަށުން ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދިޔަނަމަވެސް މިދިޔަ އެޕްރީލް މަހުން ފެށިގެން އެ މަސައްކަތް ބޭސް ކުންފުނިން ވަނީ މަޑުމަޑުން ކުރަން ފަށާފައެވެ. އަދި މިއަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެއްކޮށް ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ، ހޮޓްލައިން ނަންބަރެއްވެސް ތަޢާރަފްކޮށްފައެވެ. ދައުލަތުގެ ބޭސް ކުންފުނިން ތަޢާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ނަންބަރެކެވެ.