ޚަބަރު

މިލިޔަން ޑޮލަރު ހޯދަން ސްމޯލީ ކުރި ދައުވާ ނިމުނީ އެފްއޭއެމްއާ އެއްކޮޅަށް


  • ސްމޯލީ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަޤާމުގައި

  • ސްމޯލީ މަޤާމާ ހަވާލުވީ 2023ވަނަ އަހަރުގެ ޖުލައި މަހު

  • އޭނާ މަޤާމުގައި ދެމިހުރީ އެއް އަހަރު ދުވަހު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި ޕޯލް ތޯމަސް ސްމޯލީ، އެ އެސޯސިއޭޝަނާ ދެކޮޅަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގައި ކުރި ދައުވާގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެއެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޒައާމަތުގެ ފަހު ދުވަސްކޮޅު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރި ސްމޯލީ، އެ މަގާމަށް އައްޔަންކުރީ ގާތްގަނޑަކަށް 20،000 ޑޮލަރުގެ މުސަރައަކަށެވެ.

2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަގާމާ ހަވާލުވި ސްމޯލީގެ މުސާރައަކީ ގަތަރު ފުޓްބޯޅަ ފެޑަރޭޝަނުގެ ސްޕޮންސަޝިޕެއްގެ ދަށުން، އެ ފެޑަރޭޝަނުން ދެއްކުމަށް ހަމަޖެހިފައިވާ މުސާރައެއް ކަމަށް އެފްއޭއެމްގެ އޭރުގެ ވެރިން ބުނެފައިވެއެވެ. އެހެންކަމުން އެ މުސާރަ ހާމަކުރަން ބޭނުން ނުވާކަމަށް ވެސް ބުނެފައިވެއެވެ.

ފަސް އަހަރު އެ މަގާމުގައި ހޭދަކުރުމުގެ ވިސްނުމެއްގައި މަގާމާ ހަވާލުވި ސްމޯލީ ވަނީ އޭނާ އެ މަގާމާ ހަވާލުވިތާ އަހަރެއްހައި ދުވަސް ފަހުން އެ މަގާމު ދޫކޮށްލާފައެވެ. އޭނާއާއެކު އެއްބަސްވުން ހެދީ ކޮންމެ އަހަރަކު އެއްފަހަރު އެއްބަސްވުން އައު ކުރާ ގޮތަށެވެ.

އެހެންނަމަވެސް އެއް އަހަރަށްފަހު އެ މަގާމު ދޫކޮށްލުމަށްފަހު ސްމޯލީ ވަނީ، އެފްއޭއެމާ ދެކޮޅަށް މިދިޔަ އަހަރު މެދުތެރޭގައި ފީފާއަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ ހުށަހެޅި މައްސަލައިގައި ޑިމާންޑް ކުރީ ފަސް އަހަރަށް ޖެހޭ މުސާރައަށްވާ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ހޯދުމަށެވެ.

މި މައްސަލައިގައި ފީފާ ފުޓުބޯޅަ ޓްރައިބިއުނަލް އިން މިހާރު ގޮތެއް ނިންމާފައިވާއިރު އެފްއޭއެމް އިން ބުނީ، މި މައްސަލައިގައި ބަދަލު ހޯދަން ސްމޯލީ ހުށަހަޅާފައިވަނީ އޭނާގެ މުސާރައާއި އެހެނިހެން ޖޫރިމަނާތަކާއި ގާނޫނީ މަސައްކަތަށް ހޭދަވާ ޚަރަދާއި އެހެނިހެން ބައެއް ޚަރަދުތައް ވެސް ހިމަނައިގެން ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ޓްރައިބިއުނަލްއިން މައްސަލަ ނިންމީ އެފްއޭއެމްއާ އެއްކޮޅަށްކަން އެފްއޭއެމް އިން ފާހަގަކޮށްފައިވެއެވެ.

މި ނިންމުމަކީ އެފްއޭއެމް އަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ސިފަކުރި އެވެ.

ރާއްޖެ އައުމުގެ ކުރިން ސްމޯލީ ވަނީ ބަންގްލަދޭޝްގައި ވެސް ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.