ޚަބަރު

މެންހެޓަން ގްރޭންޑް މިއަހަރު ފަހުކޮޅު ހުޅުވަނީ


  • ހުޅުމާލޭގައި ތަރައްޤީ ކުރާ މިހޮޓަލަކީ 162 ކޮޓަރީގެ ހޮޓަލެއް

  • މިތަނުގައި ބޮޑު އިވެންޓު ހޯލެއް ހުންނާނެ

  • މި ހޮޓާ ފަރުމާކޮށްފައިވަނީ ދިވެހި ސަޤާފަތް ރަމްޒުވާގޮތަށް

ދިވެހި ސަޤާފީ ތަރިކަ ރަމްޒުވާގޮތަށް ހުޅުމާލޭގައި ތަރައްޤީ ކުރާ "މެންހެޓަން ގްރޭންޑް ހޮޓެލް" މިއަހަރުގެ ފަހު ކުއާޓަރގައި ހުޅުވަން ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި ހުޅުވާ އެންމެ ބޮޑު އެއް ސިޓީ ހޮޓަލުގެ ގޮތުގައި ހިމެނޭ، 162 ކޮޓަރީގެ މި ހޮޓެލް ފަރުމާކޮށްފައިވަނީ ވިޔަފާރި ދަތުރުވެރިންނާއި، އިވެންޓްތައް ބާއްވާ ފަރާތްތަކާއި އަދި ޓްރާންސިޓްވާ މެހެމާނުންގެ ބޭނުންތަކަށް ފުރިހަމައަށް ފެތޭނެ ގޮތަށް ކަމަށް މެންހެޓަން ގްރޭންޑް ހޮޓަލުން ބުނެއެވެ. އަދި މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން އެންމެ 10 މިނެޓުން ދެވޭހާ ކައިރީގައި އޮތް، ފެންވަރު ރަނގަޅު މެހެމާންދާރީއެއް ފޯރުކޮށްދޭނެ ހޮޓަލަކަށް ވާނެ ކަމަށް ހޮޓަލުން ފާހަގަކުރެއެވެ.

މާލޭ ހުކުރު މިސްކިތުގެ ޒަމާންވީ ރީތިކަމަށް ބަލައި، ފަރުމާކޮށްފައިވާ މި ހޮޓެލް ހުޅުވެނީ "ލިވް ދަ ހެރިޓޭޖް" (ސަޤާފަތާއެކު ދިރިއުޅުން) ކޮންސެޕްޓަށެވެ. މި ހޮޓެލްގެ އާކިޓެކްޗަރަލް ބައިތަކާއި، އިންޓީރިއާ ފަރުމާތަކުން ރާއްޖޭގެ ސަޤާފީ އަތްތެރި މަސައްކަތްތެރިކަމާއި އަމިއްލަވަންތަކަން ދައްކުވައިދޭނެއެވެ. އަދި ފަރުމާގެ ކުދިކުދި ބައިތަކުން ފެށިގެން، ރާއްޖޭގެ ސަޤާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ އައުޓްލެޓްތަކުގެ ކޮންސެޕްޓްތަކާ ހަމައަށް، މި ހޮޓަލުން މަސައްކަތްކުރަނީ ޒަމާނީ ސިޓީއެއްގެ މާޙައުލުގައި ދިވެހިވަންތަކަން ދައްކުވައިދޭ ހިތްގައިމު މާޙައުލެއް ބިނާކުރުމަށް ކަމަށް މެންހެޓަން ގްރޭންޑުން ބުނެއެވެ.

މި ހޮޓަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ، އިވެންޓުތަކަށް ޚާއްޞަކޮށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ބޭންކުއެޓް އަދި އިވެންޓް ހޯލެވެ. ހުޅުމާލޭގެ އެންމެ ބޮޑެތި ފެސިލިޓީތަކުގެ ތެރޭގައި ހިމެނޭ މި ހޯލަކީ، އެކި ބޭނުންތަކަށް ބަދަލުކޮށްލެވޭ ގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު، ކޯޕަރޭޓް ބައްދަލުވުންތަކާއި މައުރަޒުތަކުން ފެށިގެން ކައިވެނި ހަފުލާތަކާއި، އިޖުތިމާޢީ ޙަރަކާތްތައް ބޭއްވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް ހޮޓަލުން ބުނެއެވެ.

ހޮޓެލް ހުރި މުހިންމު ސަރަޙައްދާއި އެކުލެވިގެންވާ ގިނަ ވަސީލަތްތަކުގެ ސަބަބުން، މިއީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް ތިބޭ މީހުންނަށްވެސް، ޚާއްޞަކޮށް އެއާޕޯޓާއި ކައިރި ރަށްތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރަން ބޭނުންވާ ދަތުރުވެރިންނަށް ފަސޭހަ އަދި މަރުކަޒީ މަންޒިލަކަށް ވެގެންދާނެކަމުގެ ޔަޤީންކަން އެ ހޮޓަލުން ދެއެވެ.

މެންހަޓަން ގްރޭންޑް ހޮޓެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޢަލީ ނާހިޒު ވިދާޅުވީ، މެންހަޓަން ގްރޭންޑް ހޮޓެލް ފަރުމާކޮށްފައިވަނީ ސަޤާފީ ވާހަކަތަކާއި ޒަމާނީ ބޭނުންތެރިކަން އެއްކޮށްލައިގެން، ރާއްޖޭގެ ސިޓީ ހޮސްޕިޓާލިޓީ މުޅިން އާ ހިސާބަކަށް ގެންދިއުމަށް ކަމަށެވެ. އަދި ހޮޓަލުގެ ތަޞައްވުރަކީ ދިވެހިވަންތަކަން ރަމްޒުކޮށްދިނުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގައި ފެންވަރު ރަނގަޅު ސިޓީ އެކޮމޮޑޭޝަނާއި، އިވެންޓް ބާއްވާނެ ޖާގަތަކަށް އިތުރުވަމުންދާ ޑިމާންޑަށް ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދޭނެ މަންޒިލަކަށް މިތަން ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޓެލް ހުޅުވޭނެ ދުވަސް ކައިރިވަމުންދާއިރު، މެންހަޓަން ގްރޭންޑް ހޮޓެލް ވެގެންދާނީ ސަޤާފަތާއި، ފަސޭހައިން ވާޞިލުވުމުގެ ފުރުޞަތާއި އަދި ބޮޑު ޖާގަ އެއްކޮށްލައިގެން ރާއްޖޭގެ ސިޓީ ހޮސްޕިޓާލިޓީއަށް އާ މިންގަނޑެއް ކަނޑައަޅައިދޭނެ ހުޅުމާލޭގެ ފާހަގަކޮށްލެވޭ މަންޒިލަކަށެވެ.