ޚަބަރު

ފިންލެންޑުގެ ޑައިވަރުން ފުރަތަމަ ކުރާނީ އޮރިއަންޓޭޝަން ޑައިވްތަކެއް


  • ފުނަށް ޑައިވް ކުރާނީ އޮރިއަންޓޭޝަން ޑައިވްތަކަށްފަހު

  • ފިންލެންޑުން އައީ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ޑައިވަރުން

ވ.އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ރާއްޖެއައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން އޮޕަރޭޝަން ފަށައިފިއެވެ.

ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ރާއްޖެއަށް އައީ އެމްއެންޑީއެފުން ހިންގަމުންދާ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިއްޔެއެވެ. އެ ޓީމު މިއަދު ޑައިވް ފެށި ނަމަވެސް މިހާރު ކުރަނީ، އޮރިއަންޓޭޝަން ނުވަތަ އެ ސަރަހައްދު ދެނެގަތުމުގެ ޑައިވްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ފިންލެންޑުން ރާއްޖެއައި ޓީމަކީ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ތަޖުރިބާ ހުރި ޓީމެއް ކަމަށެވެ. އަދި އެ ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ފިންލެންޑުގެ ޓީމުން އައީ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށްގެން ކަމަށެވެ. އެގޮތުން، ފުރަތަމަ އެ ސަރަހައްދު ދެނެގަތުމުގެ ޑައިވްތަކެއް މިހާރު ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި މޫސުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އަދި ފުނަށް ޑައިވްކޮށް، ހޮހަޅަތެރެއަށް ދިއުމަށް އެ ޓީމުން ނިންމާނީ ތަޖުރިބާގެ ޑައިވްތަކަށްފަހު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ކޯސްޓްގާޑާއި ފުލުހުންގެ ޚިދުމަތުގެ ޑައިވަރުންވެސް ހަރަކާތްތެރިވާނެކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، އެ ފަރާތްތަކުން ޑައިވްކުރާނީ ފިންލެންޑުގެ ޓީމަށް އެހީވުމަށް ކަމަށެވެ. އަދި އެ ޑައިވަރުން ފުނަށް ޑައިވްނުކުރާނެ ކަމަށްވެސް ވިދާޅުވިއެެވެ.

މީގެ އިތުރުން ފިންލެންޑުގެ ޑައިވަރުންގެ ޓީމަށް ދިވެހި ދެ ކުންފުންޏަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެ ޓީމު ރާއްޖެއައީ މިފަދަ މިޝަންތަކުގައި ބޭނުންވާނެ ޒަމާނީ ގިއަރުތައް ހިފައިގެންކަންވެސް އިސްތަރުޖަމާނު ފާހަގަކުރެއްވިއެެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، އޮޕަރޭޝަނުގެ ތެރެއިން ހާލު ދެރަވެ ނިޔާވެފައެވެ.