ޚަބަރު

ރެކޯޑަކާއިއެކު ބާސެލޯނާ މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި އެއް ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗު ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާ އިން މި ރެކޯޑް ހަދާފައިވަނީ ލަލީގާގައި ރޭ ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ބާސެލޯނާ އިން މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު, މިއީ މި ކާމިޔާބީ ހޯދި ލަލީގާގެ 11 ވަނަ ޓީމެވެ. 86-1985 ގެ ސީޒަނުގައި ރެއާލް މެޑްރިޑް އިން އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު އޭރެ ކުޅެފައިވަނީ 17 މެޗެވެ. މީގެ ކުރިން ބާސެލޯނާ އިން މި ރެކޯޑް ހަދާފައިވަނީ 60-1959 ވަނަ އަހަރުގެ ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު 15 މެޗު ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިއީ އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.

56 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގެ 28 ވަނަ މިނިޓުގައި ބާސެލޯނާއަށް ލީޑު ނަގައިދީފައިވަނީ ރަފީނިއާ އެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްއިރު މެޗުގެ 62 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް މެޗުގެ 69 ވަނަ މިނިޓުގައި ބެޓިސް އަށް ލިބުނު ޕެނަލްޓީ އަކުން އިސްކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި ޖޮއާއޯ ކެންސެލޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ބާސެލޯނާ އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ މިދިޔަ ހަފްތާގައި ރެއާލް މެޑްރިޑް ބަލިކުރުމަށްފަހުގަ އެވެ.