އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވިއިރު މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ދިން އިސްސްޓާއިއެކު އޭނާ ވަނީ އެއް ސީޒަނެއްގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާގެ ރެކޯޑާއި އެއްވަރުކޮށްފަ އެވެ. މި ސީޒަނުގައި ފެނާންޑޭޒް ވަނީ 20 އެސިސްޓް ދީފަ އެވެ.
މީގެ ކުރިން ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓް އެއް ސީޒަނެއްގައި ދީފައިވަނީ އާސެނަލް އަށް ކުރިން ކުޅުނު ތިއެރީ އޮންރީ އާއި މެންޗެސްޓަރ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ކެވިން ޑެބްރޫނިއާ އެވެ. ޔުނައިޓެޑަށް އަދިވެސް މި ސީޒަނުގައި އެއް މެޗު ބާކީ އޮތުމާއިއެކު މި ރެކޯޑް މުގުރާލުމުގެ ފުރުސަތު އަދިވެސް ފެނާންޑޭޒް އަށްވަނީ ލިބިފަ އެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ލޫކް ޝޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 8 ވަނަ މިނިޓުގައި ފޮރެސްޓްގެ މޮރާޓޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން މެތިއުސް ކޫނިޔާ ވަނީ އިތުރު ލަނޑެއް ޖަހާ ޔުނައިޓެޑަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 76 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ދިން އެސިސްޓަކުން ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ 78 ވަނަ މިނިޓުގައި ނޮޓިންހަމްގެ މޯގަން ގިބްސް ވައިޓް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން 68 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ކަށަވަރުވެފަ އެވެ. ފޮރެސްޓަށް ލިބިފައިވާ 43 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.