ޚަބަރު

ޗެލްސީގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ކޯޗު ކަމަށް ސްޕެއިންގެ ޒަވީ އަލޮންސޯ ހަމަޖައްސާފައިވާ ކަމަށް އިނގިރޭސި މީޑިޔާ ތަކުން ބުނެފި އެވެ.

ޗެލްސީގެ ދާއިމީ ކޯޗު ކަމަށް އަލޮންސޯ ހަމަޖައްސާފައިވަނީ އެ ޓީމަށް ކޯޗު ކޮށްދެމުންދިޔަ ލިއާމް ރޮޒޭނިއާ މިދިޔަ މަހު މަގާމުން ވަކިކުރުމަށްފަހު އެ ޓީމުގެ ކޯޗު ކަމުގެ މަގާމު ހުސްވެފައިވަނިކޮށެވެ. އަދި މިހާރު އެ ކްލަބަށް ކޯޗު ކޮށްދެމުންދަނީ ޔޫތު ޓީމުގެ ކޯޗު މެކްފާލެން އެވެ.

އުމުރުން 44 އަހަރުގެ އަލޮންސޯ ވަނީ މީގެ ކުރިން ޖަރުމަންގެ ބަޔާ ލެވަކޫސަންގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑަށްވެސް ކޯޗުކޮށްދީފަ އެވެ.

އަލޮންސޯ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވާން ނިންމިއިރު އޭނާ ލިވަޕޫލްގެ ކޯޗަކަށް ގެނައުމަށް އެ ކްލަބުން މަސައްކަތް ކުރި ކަމަށް ރިޕޯޓްތައްވަނީ ބުނެފަ އެވެ. އަލޮންސޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ފަސް އަހަރު ލިވަޕޫލްގައި ހޭދަކޮށްފަ އެވެ.

އަލޮންސޯ ވަނީ ބެޔަރ ލެވަކޫސަން އަށް ފުރަތަމަ ފަހަރަށް ޖަރމަން ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދަދިނުގެ އިތުރުން ޖަރމަން ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ސްޕެއިންގެ ގަދަ ބާރެއް ކަމުގައިވާ ރެއާލް މެޑްރިޑާއި ހަވާލުވުމަށްފަހު އެ ކްލަބާއިއެކު އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އޭނާ ވަނީ އެ ކްލަބުގެ ކޯޗު ކަމުން ވަކިކޮށްފަ އެވެ. އަދި ރެއާލް މެޑްރިޑް އިން ވަކިވި ފަހުން އަލޮންސޯ އެއްވެސް ޓީމަކަށް ކޯޗުކޮށްދީފައެއް ނުވެއެވެ.